ޚަބަރު

"ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ މާނަވީ އަދި މާއްދީ ތަރައްގީއަށް އިސްކަންދީގެން"


  • އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އަސާސީ ބިންގަލަކީ އިޤުތިޞާދީ މިނިވަންކަން

  • އަންނަން އޮތް ޖީލުތަކަށް އުފާވެރި ރައްކާތެރި ރާއްޖެއެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް

ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ޤައުމުގެ ޙައްގުގައި ޝަހީދުވި ކޮންމެ ބޭފުޅަކުވެސް ޝަހީދުވީ މި އަމާންކަމުގެ ސުވަރުގެ އަމާންކަންމަތީ ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނޮވެންބަރު ތިނެއްގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށް ފަހު، 38 އަހަރު ފާއިތުވެދިޔައިރު، އެ ހާދިސާ ނުދެކޭ އައު ދެ ޖީލެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާކަމަށެވެ. އެ ކުދިންނަށްޓަކާ އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާކަމަށާއި އެ މަސްއޫލިއްތުގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލުގެ ދެމި އޮތުމުގެ ކަށަވަރުކަމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުންކަމަށްވެސް ރައީސް ވިދާޅުވިއެވެެ.

"ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ، އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ، އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅުވިފައި އޮވެގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލައި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާކަމަށާއި، ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އެތެރޭގެ ތަރައްޤީއަށް ދައުލަތުގައި ފުދުންތެރިކަން ޤާއިމުކޮށް، ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދެއްވުމުގެ ނަތީޖާއަކަށްވާނީ ތަހުޒީބު ދިވެހިރާއްޖެއެއް ބިނާކުރެވުން ކަމަށެވެ.

"ދިވެހީންގެ މާނަވީ ތަރައްގީ އާއި މާއްދީ ތަރައްގީއަށް އެއްވަރަކަށް އިސްކަންދީގެން ގެނެވޭ ތަރައްގީގެ ނަތީޖާއެއްގެ ގޮތުން ތަހުޒީބު ރާއްޖެއަކަށް މި ފަޚުރުވެރި ދިވެހީންގެ ރާއްޖެ ވެގެންދިޔުން. މި ތަސައްވުރަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ތަސައްވުރެއް. ތަރައްޤީއަކީ ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤެއް. ކުރިއަރައި ދިޔުމަކީ ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތް އުފުލިގެންދާނެކަމެއް. އެއީ ޤައުމަށް ހެޔޮ އެދޭ ކޮންމެ ދިވެއްސެއްގެ އުންމީދު. ކޮންމެ ދިވެއްސެއްގެ ހިތުގެ ދުޢާ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް އުފާވެރި އަދި ރައްކާތެރި ދިވެހިރާއްޖެއެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ، ދިވެހި ޤައުމީ ބަހާތަކަށް ދިރުން ގެނެސް، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރަން ކަމަށް ވިދާޅުވިއެވެ.