ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުނުކުރާ އަދި ގައުމުގެ ސިޔާދަތަށް އުނިކަން ނާންނާނެ ގޮތަށް، މުޅި ޤައުމުގެ މާލިއްޔަތަށް ފައިދާކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މާޒީން ފިލާވަޅުތައް ނަގައި، ޤައުމު ކުރިއެރުވުމަށް ކާބަފައިން ދެކުނު ހުވަފެންތައް ޙަގީގަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތާރީޚު ހެކިދޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މިހާތަނަށް ދިން ކޮންމެ ހަމަލާއެއްގެ ފަހަތުގައި ތިބީ ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ދިވެހިންތަކެއް ކަމަށާއި އެ ހަމަލާތަކުގައި ޝަހީދުވި ބޭފުޅުން ޝަހީދުވީ ޤައުމަށް ދެރަގޮތްވާން ބޭނުން ނުވާތީ ކަމަށެވެ. އެއިން ކޮންމެ ޝަހީދަކު އިސްކުރެއްވީ މި ވަޠަނާއި ޤައުމުގެ މިނިވަންކަމާއި މުސްތަގުބަލުގެ ތަރައްގީއާއި ކުރިއެރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމަށް ވަފާތެރިވުމުގެ ނަތީޖާ އަބަދުވެސް ބާއްޖަވެރިވާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޒަމާނަށް ވިސްނާއިރު ޤައުމުގެ އަމިއްލަ ބަސް ބުނެ ދީނާއި އަމިއްލަ ގޮތް ރައްކާތެރިކުރެވެނީ އިގްތިސާދީ މިނިވަންކަން ލިބިގެން ކަމަށެވެ. އެގޮތުން، މިއަދު ޤައުމާ މެދު ފިކުރު ހިންގާއިރު ކާބަފައިން، ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު މިނިވަން ކުރުވިފަދައިން ދަރަނީގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތައް މިނިވަންކަމާއެކު ތަރަައްގީގެ މައިދާނުގައި ކުރިއަރައިގެންދާ މަންޒަރު ބަލަން ތިބުމުގެ ބަދަލުގައި ޤައުމުގެ ފިކުރު ކުރިއަށް ނެރެ، ރައްޔިތުން އެދޭ ތަރައްގީއާއި ފުދުންތެރިކަމަށް މަސައްކަތް ކުރަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ތަރައްޤީއަކީ ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤެއް. ކުރިއަރައި ދިޔުމަކީ ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތް އުފުލިގެންދާނެކަމެއް. އެއީ ޤައުމަށް ހެޔޮ އެދޭ ކޮންމެ ދިވެއްސެއްގެ އުންމީދު. ކޮންމެ ދިވެއްސެއްގެ ހިތުގެ ދުޢާ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ޤައުމަށް ތަރައްގީ ގެންނެވި ނަމަވެސް ޤައުމީ އެއްވެސް ރުކުނަކަށް އުނިކަމެއް އަޔަނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއްވެސް ވާނީ ދިވެހި ޤައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނިންމަވާ ނިންމެވުމަކަށްވާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ދިދައިގެ ދަށުގައި ހުންނަވައިގެން ހާމަކުރެއްވި ޤައުމީ ސިޔާސަތުތައް ހަނދުމަހުންނެވި ކަމަށާއި އެކަންކަން މިހާރުވެސް ހާސިލްކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.