ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީއެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ހިލްމީ ވަނީ ޤައުމުގެ އަސްކަރިއްޔާއަށް މި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ކުރިއެރުންތައް ހިއްސާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޔޫއޭވީތައް ހޯއްދަވައި އެއަރކޯ އުފައްދަވާފައިވާ ކަމަށާއި އައްޑޫ ގަމުގައި އެމްއެންޑީއެފްގެ އެއަރ ސްޓޭޝަނެއް ގާއިމުކޮށް، ށ. ފޮނަދޫގައި އެއަރސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވައިގެ އިތުރު ގާބިލުކަން އެމަނިކުފާނު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި އެމަނިކުފާނު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން 5 ބޯޓު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހޭ އުޅަނދުފަހަރާއި މީހުން ސަލާމަތްކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްދެއްވާފައިވާކަމަށްވެސް ހިލްމީ ވިދާޅުވިއެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސް ތަރައްގީކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމުކޮށްދެއްވައި ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފައްޓަވާފައިވާކަަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އަތޮޅުތަކުގައި ފަޔަރ ސްޓޭޝަން ގާއިމުކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ރައީސްގެ ތަސައްވުރުކަން ފާހަގަކުރެއްވިއެވެ.
"މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދިފާޢީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ކަމުގައިވާތީ މިކަން ހާސިލް ކުރުމުގައި ދިވެހި އަސްކަރިއްޔާ ކޮންމެހެން ބޭނުންވެފައިވާ ގާބިލުކަން ހޯއްދަވައިދެއްވައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށްދެއްވާއި ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއްވެސް ތަރައްގީކޮށްދެއްވާތީ އެމަނިކުފާނަށް ޝުކުރު އަރިސްކުރަން،" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.
އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ސިފައިންގެ ސަރވިސް ކޯގެ ގާބިލުކަން އިތުރުކޮށްދެއްވައި ތަމްރީން އިންފްރާސްތްރަކްޗަރ އިތުރުކުރުމަށް ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރ، ބ،. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ. އަދި ގިރިފުށިގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވައި ބިމުގެ ސައިޒް 3 ގުނަ ބޮޑުކޮށްދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެން ސިފައިންގެ މީހުންގެ އަދަދު އެމަނިކުފާނު އިތުރުކޮށްދެއްވާފައިވާ ކަމަށާއި މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާފައިވާކަމަށްވެސް ހިލްމީ ވިދާޅުވިއެވެ. އަދި ސިފައިން ދިރިއުޅޭ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާއިރު ބަނޑޭރިކޮށި 1 ތަރައްގީކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.