ޚަބަރު

ފިންގަރ ޖެޓީ: ކޮންކްރީޓް މަސައްކަތް ނިންމާލައިފި


  • 15 މީޓަރު ދިގު 3 ފިންގާ ޖެޓީގެ މަސައްކަތް ކުރިއަށްދޭ

  • މަސައްކަތް ފެށީ އޮކްޓޫބަރު މަހު

  • ޑެކްގައި ލަކުޑި ފިލާ ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، ހަދާ 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

ބަނދަރުގައި ފިންގަރ ޖެޓީ ހަދަން ފެށީީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީތަކުގެ ޑެކްގައި ލަކުޑި ފިލާ ޖެހުމާއި، އުޅަނދުފަހަރު އައްސާނެ މޫރިންގ ބޮލާޑް ހަރުކުރުމުގެ އިތުރުން ބައްތި ހަރުކުރުމުގެ މަސައްކަތްކަމަށެވެ.

މި ބަނދަރުގައި 15 މީޓަރު ދިގު 3 ފިންގާ ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއީ މުޅި ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ބަނދަރުގެ މަސައްކަތް ނިމުމުން އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. ޚާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ.