ޚަބަރު

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ބުދަދުވަހު ފަށަނީ


  • ކޮންފަރެންސް އޮންނާނީ 4-5 ނޮވެންބަރަށް އައްޑޫ ސިޓީގައި

  • އެކަޑަމިކް އަދި ހެލްތުކެއަރ އެޑްމިނިސްޓްރޭޝަންގެ ބޭފުޅުން ބައިވެރިވާނެ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބާއްވާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2026 ގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ސްޕީކަރުންނާއެކު މުހިންމު މަޝްވަރާތަކާއި ހައްލުތައް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އޭއީއެޗްއިން ވިދާޅުވެއްޖެއެވެ.

އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލް، ހެލްތްކެއަރ އެޑްމިނިސްޓްރޭޝަންސް، ޝާހު ސަޢީދު ވިދާޅުވީ މި ކޮންފަރެންސްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ވިއްސަކަށް ސްޕީކަރުން ބައިވެރިވާނެ ކަމަށެވެ. އަދި 'އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް' މިއީ ވަރަށް ޅަފަތުގައި އޮތް ދާއިރާއެއް ކަމަށާއި އެހެންކަމުން މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ހޭލުންތެރިކަން އިތުރުން ކަމަށެވެ.

"އޭގެތެރެއިން ޑައިލޮގްތަކަކާއި ކޮލަބްރޭޝަނެއްގެ ތެރެއިން މިދާއިރާ އިތުރަށް ހަރުދަނާކޮށް އެ ފުރުސަތު ހުޅުވާލުމާއި ޕްރިވެންޓިވް ކަލްޗައެއް މަސައްކަތުގެ މާހައުލުގައި އަށަގެންނެވުމަކީ އަޅުގަނޑުމެންގެ މައިގަނޑު މަގްސަދު" ސަޢީދު ވިދާޅުވިއެވެ.

100 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިޔަށް ގެންދާ އޭއީއެޗްއޭގެ މި ކޮންފަރެންސް އޮންނާނީ 4-5 ނޮވެމްބަރަށް އައްޑޫ ސީޓީގައެވެ. މި ކޮންފަރެންސަކީ "މަސައްކަތުގެ މާހައުލު ރައްކާތެރި އަދި ދުޅަހެޔޮ ތަނަކަށް ހެދުމާއި، އާ ސިނާޢަތްތަކަށް ރައްކާތެރި މިންގަނޑުތަކެއް ހިފެހެއްޓުން" މި މައުލޫއަށް ފޯކަސްކޮށްގެން ކުރިޔަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ.

މި ކޮންފަރެންސްގައި ސިއްހީ ދާއިރާގެ ތެރޭގައި އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އިތުރުން އެކަޑަމިކް އަދި ހެލްތުކެއަރ އެޑްމިނިސްޓްރޭޝަންގެ ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

މިފަދަ ކޮންފަރެންސެއް ބޭއްވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިސްނެންގެވީ، ވަޒީފާތަކުގެ މާހައުލުތަކުގައި ދިމާވާ އެކި ކަންކަމަށް ފަރުވާ ދެއްވާ އެއް ބަޔަކީ ސިއްހީ ހިދުމަތްތެރިކަމަށާއި، އެފަދަ ކަންކަން އެންމެ ގާތުން ފެންނަ ބަޔަކީ އެއީކަމަށް ފާހަގަކުރައްވާ ސަޢީދު ވިދާޅުވީ ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަން މުސްތަގުބަލުގައި ރަނގަޅުވެގެން ދިއުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަކީ ސަރުކާރުންވެސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށާއި، ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަމާއި ގުޅޭ ގާނޫނުތަކުގައި ހުރި ކަންކަމާއި، އިތުރު މައުލޫމާތުތައް ފޯރުކޮށްދެވޭނެ ފަދަ ޕްލެޓް ފޯމުތައް ގާއިމުކޮށް ކަމާގުޅޭ ފަރާތްތައް އެއްތަނަކަށް ގެނެސް މަޝްވަރާކޮށް ހައްލުތައް ހޯދައިދިނުމަކީވެސް މި ކޮންފަރެންސުގެ ބޭނުމެއް ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2026ގެ ކޮންފަރެންސް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެންއެންޔޫއާއި އެސްޓީއޯ ހެލްތްކެއާ ސޮލިއުޝަންސްއެވެ.

އެންއެންޔޫއިން ވިދާޅުވީ މިފަދަ ކޮންފަރެންސެއްގެ ޕާޓްނަރެއްގެ ހައިިސިއްޔަތުން މި ކޮންފަރެންސް 2026 ގައި ރައްކާތެރި ދުޅަހެޔޮ މަސައްކަތުގެ މާހައުލުތައް ބިނާކުރުމަށް ކުރޭވޭ މަސައްކަތުގެ ބައިވެރިއަކަށްވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.