ޚަބަރު

ޒަމާންވީ ޚާރިޖީ ގުޅުންތައް، ތަރައްޤީއާ އިޤްތިޞާދުގެ މަގަށް


  • ސަރަހައްދީ ސަލާމަތަށް ސަރުކާރުން އިސްކަންދެއްވާ

  • އިސްކުރައްވަނީ ދިވެހި ރައްޔިތުން

ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ، ފުރަތަމަ ރާއްޖެ، މި ސިޔާސަތެވެ. އަވަށްޓެރި ޤައުމުތަކަށް އިސްކަން ދެއްވުމާ، އިސްލާމީ ޤައުމުތަކާއެކު އޮތް އަޙުވަންތަކަން ދެމެހެއްޓުމާއި، ދުނިޔެ ބަލައިގަންނަ ސިޔާސަތެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވީ ވަކި ޤައުމަކަށް ބަރޯސާވުން ނައްތާލުމަށެވެ. މިއީ ޤައުމުތަކާއެކު ތަރައްޤީގެ މަގުން މަސައްކަތްކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭ ސިޔާސަތެކެވެ.

ޕީއެސްއެމް ނިއުސްގެ ނޭޝަންޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަދުގެ ސަރުކާރު އައުމުގެ ކުރިން ރާއްޖެއަށް ނުރައްކާވާގޮތަށް ވަކި އަތަކަށް ބުރަވެ، ވަކި ފަރާތަކުން ރާއްޖެ ކޮންޓްރޯލްކުރުމަށް މަގުފަހިވާގޮތަށް ކަންކަން ކުރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. ޚާރިޖީ ގުޅުންތައް ޤާއިމްކުރުމުގައި ޤައުމަށް އެންމެ ފައިދާ ހުރި ގޮތް އިސްކުރައްވާކަމަށާއި އެއްވެސް ޤައުމެއްގެ ކޮންޓްރޯލް އަސްކަރީ ގޮތުންވެސް އެހެން ގޮތަކުންވެސް ރާއްޖެއަށް ނޯންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"ވަކި ޤައުމެއްގެ ޕަޕެޓަކަށް ވާގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. އެ ސިޔާސަތު މަޑުމަޑުން މިދިޔަ 3 އަހަރު އަޅުގަނޑުމެން މިއޮތީ ފަސްލާ ވަޅުލައި ނިންމާފައި." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމާ ތަރައްޤީއަށް ފައިދާވާނެ ސިޔާސަތެއް

ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރުމުގައި ސަރުކާރުގެ އުސޫލުތަކުން ފާހަގަވާ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ޒަމާންވީ ޚާރިޖީ ގުޅުންތައް އިޤްތިސާދީ މަންފާ ލިބޭނެ ގުޅުންތަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅެވެ.

އޭގެ ތެރޭގައި ދާދިފަހުން ރައީސް ޑރ.މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 200 މިލިޔަން ޑޮލަރަށް އިތުރުކުރެއްވުމަށް ނިންމެވުން ފާހަގަކޮށްލެވެއެވެ. މިއީ އައު އިންވެސްޓްމެންޓާއި، ފަތުރުވެރިންގެ އައު މާކެޓާއި، ވިޔަފާރިވެރިންނަށް އައު ފުރުސަތުތައް ހޯދައިދިނުމަށް މުހިންމު ފުރުޞަތެކެވެ. އަދި 20 އެއްބަސްވުމެއް މެދުވެރިކޮށް ތަފާތު އެކި ދާއިރާތަކުން ޤާބިލްކަން އިތުރުކުރުމުގެ އުއްމީދީ ނިންމެވުންތަކެއް ނިންމަވާފައިވެއެވެ.

ހަމައެހެންމެ، މިއަހަރު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ތަރައްޤީއާއި ތަޢުލީމާއި ދީނާއި ސިއްޙަތާއި ސަލާމަތާއި ރައްކާތެރިކަމާއި އިޤްތިޞަދީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ސްޓްރެޓީޖިކް ވަރުގަދަ ޕާޓްނަރޝިޕަކަށް ދެ ޤައުމުން ވަނީ ވާސިލްވެފައެވެ. މިއީ ދިގު މުއްދަތަކަށް ދެމިގެން އައި ޚާރިޖީ ގުޅުންތަކަށް އައު މިސްރާބެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ މިސާލެކެވެ.

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން ޤައުމުތަކާ ގުޅުން ބާއްވަމުން އައީ ވަކި އަތަކަށް ނުޖެހި ހަމަހަމަ ސިޔާސަތުތަކެއްގެ ތެރެއިންކަމަށެވެ. އަދި އިސްކުރައްވާނީ ދިވެހިންނަށް ފައިދާވާނެ ގޮތްކަމަށް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުގެވެސް ސިޔާސަތަކީ. ހުރިހާ އެންމެންނާވެސް ވީހާވެސް ގާތް ގުޅުމެއް ބޭއްވުން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކަނޑުތަކާ ސަރަހައްދީ ސަލާމަތަށް އިސްކަން

ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީ ކާމިޔާބެއް ނޫނެވެ. ޤައުމުގެ ތަމައްދުން އާއި ސުލްޙަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކީ ޤައުމެއްގެ ތަރައްޤީގެ މަގު ފުރިހަމަކޮށްދޭ ހަމައެވެ. އެހެންކަމަށް ވާއިރު، ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތުތަކަށް ރާއްޖެއިން އިސްކަން ދެއްވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިތުރަށް ވަރަގަދަކޮށްދޭ ސަބަބެކެވެ. މިއީވެސް ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ސިފައެކެވެ.

ބައިނަލްއަޤުވާމީ ހަމަޖެހުން ބައްޓަންކުރަނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުގެ މައްޗަށްކަމަށް ވާއިރު، ރާއްޖެއަކީ އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައި އޮތް ޤައުމެކެވެ. އިންޑިއާ ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދެވެ. އެހެންކަމުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރަނީ ސަރަހައްދީ އަމާންކަމާއި ސުލްޙަމަސަލަސްކަމަށް ބުރު ނާރާނެކަން ކަށަވަރުވާނެ މަގަކުންނެވެ. އަދި މިހުރިހާ ގުޅުންތައް ޤާއިމްކުރުމުން ދިވެހިން ބަލައިގަންނަފަދަ ހަރުދަނާ އިމެއް ޤާއިމްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވައެވެ.

މި އަހަރުގެ ކުރީކޮޅު ޖަރުމަނުވިލާތަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ޑީޖީއޭޕީގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ މިހާތަނަށް އައިއިރު، އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަމަށެވެ. ރާއްޖެއިން ވަކާލާތުކުރައްވާފައިވަނީ ދުނިޔޭގެ ކަނޑުތަކަކީ، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށް ޤައުމުތަކާއި އެކު މަސައްކަތްކުރުމަށެވެ.

ރާއްޖެއިން އެކަމަށް ތައްޔާރަށް އޮތް މިންވަރު ހާމަކުރެއްވުން ވެގެންދިޔައީ، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤުބަލަށްޓަކާ ރާއްޖެއިން އިސްވެ ބަސްބުނުމުގެ މިސާލަކަށެވެ. މި މަގުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ވަކާލާތުކުރުމަކީ މިފަދަ ކަންކަމުގައި ރާއްޖެއިން އެއް ހަމައެއްގެ މަތީގައި ދެމި އޮންނަކަން ޤައުމުތަކަށް ރަމްޒުކޮށްދޭނެ ކަމެކެވެ.