ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމެއް


  • ދިވެހި ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް

  • ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ

މޯލްޑިވްސް ބިޒްނަސް ޗޭމްބަރ އާއި ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްއާ ދެމެދު، ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަހުމަދު އަމްޖަދެވެ. އަދި ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ޕޭން ހޮންގްވޭއެވެ.

މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ މި އެއްބަސްވުމަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ. މިއީ ހަމައެކަނި ދެ ޗޭމްބަރެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަމަށާއި، މިއީ ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އައު ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، އިމާރާތްކުރުމުގެ ދާއިރާއާއި، ރިއަލް އެސްޓޭޓާއި، ލޮޖިސްޓިކްސް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފަހި ފުރުސަތުތައް އެބަހުރިކަމަށެވެ. އަދި އިންވެސްޓްމަންޓްތަކާއި، އައު އުފެއްދުންތަކާއި، ޖޮއިންޓް ވެންޗަރތަކާއި ވިޔަފާރީގެ ގުޅުންތަކުގެ ތެރެއިން މި ދާއިރާތައް ކުރިއެރުވުމުގައި ޗައިނާގެ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

"މި ގުޅުންތަކުގެ އެހީގައި، ވިޔަފާރި ވަފުދުތަކުގެ ދަތުރުތަކާއި، ބީ2ބީ ބައްދަލުވުންތަކާއި، ވިޔަފާރި މައުރަޒުތަކާއި، އިންވެސްޓްމަންޓް ފޯރަމްތަކުގެ އިތުރުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށް ވަނީ ހަމަޖެހިފަ. މީގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ފައިދާވާނެ." މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވިއެވެ.

ޔުނާން ޕްރޮވިންޝަލް ޖެނެރަލް ޗޭމްބަރ އޮފް ކޮމާސްއާ ގުޅިގެން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޗައިނާގެ ތަޖުރިބާ ހޯދައިދިނުމަށާއި، ވިޔަފާރީގެ ތަމްރީނުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި ކާމިޔާބު ވިޔަފާރި އުސޫލުތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރާނެކަމަށް އަމްޖަދު ފާހަގަކުރެއްވިއެވެ.

ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ޕޭން ހޮންގްވޭ ވިދާޅުވީ އަމާޒަކީ މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ވިޔަފާރިތަކަށް އަމަލީ ގޮތުން ފައިދާކުރާނެ މަޝްރޫއުތަކެއް ފެށުން ކަމަށެވެ. ދެފަރާތުގެ މެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ ސަބަބުން، އިޤްތިޞާދީ ކުރިއެރުމާއި ތަނަވަސްކަމަށް މަގުފަހިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް، ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެކަމަށް މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ފަރާތުން ފާހަގަކުރައްވައެވެ.