ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތަކީ، ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން ހއ. މުރައިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ މިސްކިތުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގައި ބިނާކުރަނީ، 300 މީހުންގެ ޖާގައިގެ މިސްކިތެެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ، މި މިސްކިތުގެ ކޮލަމްތައް ގާއިމުކުރުމުގެ މަސައްކަތެވެ. މިއީ، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި މިސްކިތަކީ އަންހެނުންނާއި، ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.
މި މިސްކިތުގެ ތެރެއިން ކީރިތި ޤުރުއާން ކިޔަވައިދޭ ކުލާސްތަކަކާއި، ލައިބްރަރީއަކާއި އަދި ހޯލެއްވެސް ތަރައްޤީ ކުރާނެއެވެ. މީގެ ސަބަބުން އެކިކަހަލަ ދީނީ ޕްރޮގްރާމްތައް ހިންގުމަށްވެސް އެރަށުގައި ޖާގަ ތަނަވަސް ވެގެންދާނެއެވެ.
ހއ. މުރައިދޫގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ، މިސްކިތުގެ ޖާގައިގެ ދަތިކަމެވެ. އެރަށުގައި މިހާރު ހުރި މިސްކިތަކީ، 500 މީހުންގެ ޖާގައިގެ ޒަމާންވީ މިސްކިތެކެވެ. ނަމަވެސް އެރަށުގެ އާބާދީއަކީ 900އަށްވުރެ ބޮޑު އާބާދިއެއްކަމުން، ރަށުގެ ރައްޔިތުންނަށް އެއްޖަމާއަތެއްގައި ނަމާދު ކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުރައިދޫ ކައުންސިލުގެ ރައީސް އަމްޖަދު މުޙައްމަދު ވިދާޅުވީ، އެރަށުގައި މިހާރު ބޭނުން ކުރަމުންދާ މިސްކިތަކީ ޒަމާންވީ މިސްކިތެއްކަމުން ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
"މުރައިދޫގައި މިހާތަނަށް ހުރި މިސްކިތަކީ މުންނާރެއްވެސް ނެތް ވަރަށް ކުރީގެ މިސްކިތެއް. ނަމަވެސް ތަރައްޤީއާއިއެކު މި އަންނަ މިސްކިތަކީ، މުންނާރާއި އެކީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެން އަންނަ މިސްކިތެއް." އަމްޖަދު މުޙައްމަދު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ އާއްމުންނަށް ހުޅުވާލުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ދަނީ ކުރަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އަދި ދިނީ ކަންކަމަށް މަގުފަސޭހަ ކުރުމުގެ ގޮތުން ޒަމާނީ ފެންވަރަށް ވަސީލަތްތައް ތަރައްޤީކޮށް، އެ އިންތިޒާމުތައް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދިނުމަށެވެ.