ޓުއަރިޒަމް

މަޓާޓޯގެ ފުރަތަމަ ޓްރެވަލް ކޮންފަރެންސް ބާއްވައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް، މަޓާޓޯގެ ފުރަތަމަ ޓްރެވަލް ކޮންފަރެންސް ބަންޑޮސް އައިލެންޑް ރިޒޯޓްގައި ބާއްވައިފިއެވެ.

މިކޮންފަރެންސަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް، ދާއިރައާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންދިއުމަށް ބާއްވާ ކޮންފަރެންސެއްކަމަށް މަޓާޓޯއިން މަޢުލޫމާތުދެއެވެ.

މަޓާޓޯގެ ރައީސް ޢަބްދުﷲ ޤިޔާޒް ރިޔާޒް ވިދާޅުވީ މި ކޮންފަރެންސް މެދުވެރިކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެއް ތަނަކުން ބަދަލުކޮށް، މަޝްވަރާ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުން ތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު މުހިއްމު މަޝްވަރާތަކެއް މި ކޮންފަރެންސްގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ފަރާތްތަކުން ޕެނަލް ޑިސްކަޝަންތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިގޮތުން ކޮންފަރެންސްގެ ފުރަތަމަ ފެނަލް ޑިސްކަޝަންގައި ސީ.އެން.އެން އިންޓަރނޭޝަނަލްގެ އިންޑިއާ އެންޑް ސައުތް އޭޝިއާ ޑިރެކްޓަރ ސޮނާލި ޗެޓޭރްޖީ އާއި، މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް އެމް.އެމް.ޕީ.އާރު.ސީގެ ޗެއަރމަން މުޙައްމަދު ޚަލީލް އަދި ޓީ.ޓީ.ޖީ އޭޝިއާ މީޑިއާގެ ފަރާތުން ފެއިޒަލް ސަމަތް ވަނީ  ޑެސްޓިނޭޝަން މާރކެޓިންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޕެނަލް ޑިސްކަޝަންގައި މަޢުލޫމާތު ދެެއްވާފައެވެ.

މިކޮންފަރެންސްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާ، ގޮންޖެހުންތަކާއި ބެހޭ ގޮތުންނާ، ހިތްފަސޭހަ މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ދަމަހައްޓާނެގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.

މިކޮންފަރެންސްގައި ޕެނަލިސްޓުންގެ ގޮތުގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ ސީ.އީ.އޯ މާރިޔޯ ހާޑީ، މޯލްޑިވްސް ގެޓަވޭޒްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ޑރ. ސަނީ ޢުމަރު އަދި ޔޫ.އެން.ޑީ.ޕީ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއާއި އެހެނިހެން މުހިންމު ފަރާތްތަކުން ބައިވެރިވެއެވެ. މިކޮންފަރެންސްގައި މިއަހަރު އައްޑިހައަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.