ތިމާވެށި

އިނިޝިއޭޓިވް ފޮރ ރިނިއުބްލް އައިލެންޑް އެނަރޖީ ޕްރޮގްރާމް


ރާއްޖޭގެ އިސްނެގުމުގެ ދަށުން، ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ހަކަތައިގެ ޔަޤީންކަން އިތުރުކުރުމަށް ޕްރޮގާރާމެއް ފަށައިފިއެވެ.

"އިނިޝިއޭޓިވް ފޮރ ރިނިއުބްލް އައިލެންޑް އެނަރޖީ"، އައިރީގެ ނަމުގައި ހިންގޭ މިޙަރަކާތް ރަސްމީކޮށް ޢިޢްލާން ކޮށްދެއްވީ މޮރޮކޯގެ މްރާކުޝްގައި މިހާރު ކުރިޔަށްދާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސަމިޓް ނުވަތަ ކޮޕް 22 ގެ ހަވާސާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމްއެވެ. އެއޯސިސްގެ ޗެއަރމަންގެ ޙައިސިއްޔަތުން މި ޕްރޮގްރާމް އިޢްލާންކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިޙަރަކާތުގެ މައިގަނޑު ބޭނުމަކީ، ކުދި ޤައުމުތަކުގައި އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމުގެ ގޮތުން ބޭނުންވާ ފައިސާއާއި އިންސާނީ ވަޞީލަތްތައް ހޯދުމާއި ތަރައްޤީކުރުމާއި އަދި މިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުންކަމަށެވެ.

"އައިރީ" ގެ ނަމުގައި ހިންގޭ މިޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ، އިންޓަރނޭޝަނަލް ރިނިއަބަލް އެނަރޖީ އޭޖެންސީއާ ގުޅިގެން، އެފަރާތުގެ ބައިވެރިވުން ލިބިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޙަރަކާތުގެ ބޭނުންތަކުގެ ތެރޭގައި، ކުދި ޖަޒީރާ ޤައުމުތަކުގައި، އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމާއި އަދި ހަކަތަ އިޤްތިޞާދު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސިޔާސީ ބައިވެރިވުން ހޯދުން ހިމެނެއެވެ.

"އެއޯސިސް" ޤައުމުތައް ހިމެނިފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ސާފު އަދި އިޔާދަ ކުރަނިވި ހަކަތަ ފޯރުކޮށް ދިނުމަށާއި އަދި ވީހާވެސް ކުޑައަގެއްގައި ހަކަތަ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައެވެ. މީގެ އިތުރުން، ޕެރިސް އެގްރީމަންޓްގެ ދަށުން މިޤައުމުތަކުން ތައްޔާކޮށްފައިވާ "ކްލައިމެޓް އެކްޝަން ޕްލޭން " ތަކުގައިވެސް އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، ފުޅާކުރުމަށް ވަނީ އިސްކަންދީފައެވެ.

"އައިރީ" ޙަރަކާތް ރޭވުމަށާއި ހިންގުމުގެގޮތުން ތަފާތު ފަރާތްތައް ބައިވެރިވާ އެކި ފެންވަރުގެ ބައްދަލުވުންތައް އަންނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މިކަމަށް ހުރި ހުރަސްތައް ދެނެގަތުގެ މަސައްކަތްވެސް މިއަންނަ އަހަރު ފެށިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.