ޚަބަރު

ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މައުރަޒު މިރޭ ހުޅުވަނީ


  • 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައި

  • މައުރަޒު ކުރިއަށްގެންދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 2އަށް

  • މިއަހަރުގެ މައުރަޒު ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާނެ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަރަށް ކުލަގަދަކޮށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މައުރަޒަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިންތިޒާމުތަކުގެ ގޮތުންނާއި، ބައިވެރިވި ފަރާތްތަކުގެ އަދަދަށް ބެލިނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކަކާއި ކުރިއެރުންތަކެއް ފެނިގެންދާނެ، ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑު ހަރަކާތެކެވެ.

މުޅި ސެންޓްރަލް ޕާކު އެއްކޮށް މި މައުރަޒަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާއިރު، މައުރަޒުގައި ހިމެނޭ ތަކެއްޗާއި ޚިދުމަތްތަކުގެ ގިނަކަމުން އެންމެ ދުވަހަކުން މުޅި މައުރަޒު އެއްކޮށް ބަލައިލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހާވެސް ބޮޑު ޖާގައެއްގައި ވަރަށް ގިނަގުނަ އުފެއްދުންތަކާއި މުހިންމު ޚިދުމަތްތަކެއް މި މައުރަޒުގެ ތެރެއިން އާންމުންނަށް ފެނިގެންދާނެއެވެ. އެހެންކަމުން މި މައުރަޒު ބަލާލުމަށާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި 9 ދުވަހަށް މައުރަޒު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިއަދުން ފެށިގެން އަންނަ މަހުގެ 2ވަނަ ދުވަހާއި ހަމައަށެވެ.

މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓަރކޮށްފައިވާއިރު، މީގެ ތެރެއިން
419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ.

މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ. އަދި މި މައުރަޒުގައި ދައްކާލާ ޖުމްލަ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތައް ކަމުގައިވުމީ މި ދާއިރާއިން އަމިއްލަ މަސައްކަތްތެރިން ކުރިއަރަމުން އަންނަކަން އަންގައިދޭ މުހިންމު ކަމެކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ވަރަށް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ވަނީ މި ފަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.

މިއަހަރުގެ މައުރަޒުގައިވެސް ވާދަކުރުމުގެ ބައިގައި ތަފާތު އެކި އުފެއްދުންތައް ފެނިގެންދާނެއެވެ. އަދި ކުރީ އަހަރެކޭ އެއްގޮތަސް މި އަހަރުވެސް މި ބަަޔަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، މިފަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި 298 އެވޯޑެއް ވަނީ ދީފައެވެ.

މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ. އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށް، އެފަރާތްތަކުގެ ހުރި ޤާބިލުކަމާއި ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ.

މިއަހަރުގެ މައުރަޒު ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މައުރަޒުގެ ޑިސްޓްރިކްޓުތައް:

1- މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް
2- އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް
3- ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް
4- މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް
5- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަކޮށް ޤާއިމްކުރާ، މާކެޓްޕްލޭސް ޑިސްޓްރިކްޓް
6- ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް
7- ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް

މި މައުރަޒުގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކީ ޒުވާނުން ވަރަށް ބޮޑަށް ޙަރަކާތްތެރިވާ ދާއިރާތަކަށް ވާތީ، މިއީ ޤައުމުގެ ޒުވާނުންނަށް ވަރަށް ބޮޑު ފުރުޞަތެއް ފަހިވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީގެ އައު އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި ޒުވާން އާޓިސްޓުންނަށް އެމީހުންގެ ހުނަރު މާކެޓުކޮށް، ކުރިއަށް ދިއުމަށް މިއީ އަގުހުރި މައިދާނެކެވެ.

ހަމައެއާއެކު، މުޅިން އަލަށް ތަޢާރަފްކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި ތަކެއްޗާއި ޚިދުމަތްތަކަށް ޚާއްޞަ ޑިސްޓްރިކްޓެކެވެ. މި ޑިސްޓްރިކްޓުން 20 ފަރާތަކަށް ޖާގަ ލިބިފައިވާއިރު، މީގެ ސަބަބުން ބޮޑަށް ޕްރޮމޯޓް ވެގެންދާނީ ރަށު ފަތުރުވެރިކަމެވެ. މި ޑިސްޓްރިކްޓުގައި ކ. އަތޮޅު، ފުވައްމުލަކު ސިޓީ، ބ. އަތޮޅު، ޅ. އަތޮޅު، އަދި އއ. އާއި އދ. އަތޮޅުން ބައިވެރިވާނެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ތަނަކަށް ވާތީ، މިއީ ފަތުރުރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތްތައް މާކެޓްކުރުމަށާއި، އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މީގެ އިތުރުން، މިއަހަރުގެ މައުރަޒުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކުން އެކި ދާއިރާތަކުން ގިނަގުނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ދިވެހި ވިޔަފާރިތަކަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކާއި މުހިންމު ސާމާނުތައް ހިމެނެއެވެ.

މިކަމުގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތެރިންނަށް، ޚާއްޞަކޮށް ކުދި ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖެއިން ބޭރުން ލިބެންހުރި ފުރުޞަތުތަކާއި ޒަމާނީ ޚިދުމަތްތައް ތަޢާރަފްކޮށްދިނުމެވެ. އަދި ބޭރުގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ދިވެހި ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރަކަށް ފުޅާކުރުމަށް ކުރެވިދާނެ އެކި ކަންކަން ފަހިކޮށްދިނުމަކީވެސް މި ޑިސްޓްރިކްޓުގެ މުހިންމު އެއް މަޤްޞަދެވެ.

މުޅި މައުރަޒަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިއީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާ ވަރަށް ބޮޑު އިޤުތިޞާދީ ފުރުޞަތެކެވެ. މައުރަޒުގެ ތެރޭގައި ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ވާހަކަދައްކާލެވޭނެ ޚާއްޞަ ތަންތަން ވަނީ ޤާއިމުކޮށްފައެވެ.

މީގެ ސަބަބުން އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅި، ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަގުތަކެއް ހުޅުވިގެންދާނެއެވެ. ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ދާއިމީ ކަސްޓަމަރުން ހޯދުމަށާއި، އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ރޯމެޓީރިއަލް ފަސޭހައިން ލިބޭނެ ގޮތްތައް މަގުފަހިވެގެން ދިއުމަކީ މި މައުރަޒުގެ ސަބަބުން ލިބިގެންދާނެ ވަރަށް އަގުހުރި ފައިދާއެކެވެ.

ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް، މިރޭ ފެށިގެން މިދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހި މަސައްކަތްތެރިންގެ ހުނަރާއި އީޖާދީ ވިސްނުން އެންމެ މަތީ ދަރަޖައަކަށް ދައްކުވައިދޭނެ، ޤައުމީ ފެންވަރުގެ ވަރަށް ކާމިޔާބު އަދި ތާރީޚީ ހަރަކާތަކަށް ވެގެންދާނެއެވެ.