ޓެކްސްގެ ނިޒާމަށް މަކަރު ހެދުމާއި ޓެކްސްއިން ރެކިގަތުމަކީ، ނިޒާމުގައި ހުރި ފޫނުބެއްދޭ ކަންކަމުގެ މަންފާ ހޯދައިގެން ބައެއް ފަރާތްތަކުން ކުރަމުންދާ ކަމެކެވެ. ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން މެދުވެރިކުރުމަށް ގަސްތުގައި މިފަދަ ކަންކަން ހިންގައެވެ. އެފަދަ ކަންކަން ހައްލުކޮށް އާމްދަނީއާއި ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމަށް މިދިޔަ ހަފުތާގައި މަޖިލީހަށް މުހިންމު ބިލުތަކެއް ހުށަހެޅިއެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަކީ، ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމަށް އަޅަންޖެހިފައި އޮތް ޙައްސާސް ފިޔަވަޅެކެވެ. ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް މިއީ މުހިންމު ބިލެކެވެ. ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ، ޓެކްސް ދެއްކުމުން ރެކިގަތުން ހުއްޓުވުމަށް ލިބޭ އިތުރު ބާރެކެވެ.
ޓެކްސްއާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތްތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލާތެއްކަމަށް ބެލެވޭނެކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. މި ބިލާއެކު އެފަދަ ހާލަތުތައް ދެނެގަނެ ފިޔަވަޅު އަޅަން ޤާނޫނީ މަގު ވަނީ ހޯދާދީފައެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީވެސް ނިމިިދިޔަ ހަފުތާގެ ތެރޭގައެވެ. ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައިވާ އެ ބިލަކީ، ޓެކްސްގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ އިތުބާރު އެ ނިޒާމަށް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ބިލެކެވެ.
މި ބިލުގެ ސަބަބުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާ ކުރުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލެވޭނެއެވެ.
ބިލުގެ އެންމެ މުހިންމު އެއްކަމަކީ، މި ބިލު ތަންފީޒުކުރަން ފެށުމުން އާމްދަނީއަށް އަންނަ ހެޔޮ ބަދަލެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާކޮށްފައިވެއެވެ. އެހެންކަމުން މިއީ މި ދަނޑިވަޅަށް ބަލާއިރު މުހިންމު ބިލެކެވެ.
މީގެއިތުރުން ޓެކްސް ނެގުމުން ރެކިގަންނަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށް މަގުފަހިކޮށްދީފައިވުމުން ބިލުގެ ސަބަބުން ޓެކްސްގެ ނިޒާމު ވަށާޖެހޭ މަންފާ ލިބޭ ފަދަ ނިޒާމަކަށް ހެދުމަަށް މަގުފަހިވެއެވެ.
ބިލުގައި ބުނެފައިވަނީ، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ %25 ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އެހެންކަމުން މި ބިލާއެކު ޓެކްސްގެ ނިޒާމް އަދާހަމަވެގެންދާނީ އާއްމުންނާއި ޓެކްސް ނެގުމާބެހޭ މައި އިދާރާއަަށްވެސް އެންމެ އެކަށީގެންވާ ގޮތަށެވެ.
އެ ނިޒާމުގެ ތެރެއިން ހުރި ލޫޕްހޯލްތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަލަށް ހުށަހެޅި ބިލުތަކާއެކު މަގު ފައިވާނެއެވެ.
އެގޮތުން ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން އިއުތިރާޒު ކުރާ އަަދަދުގެ %100 ދައްކަންޖެހޭ ހާލަތު ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. ޓެކްސްގެ އަދަދު މީރާއިން ކަނޑައެޅުމުން، އެ އަދަދާމެދު އިއުތިރާޒުކޮށް މީރާގެ ނިންމުން އެޕީލް ޓްރަބިއުނަލުގައި އިސްތިޢުނާފުކުރާ ހާލަތުގައި، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ކުރިން މީރާއިން ކަނޑައެޅި ޢަދަދުގެ ތެރެއިން އިއުތިރާޒު ކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތްތައް މި ބިލާއެކު ތަފްސީލުވެގެންދާނެވެ.
އިސްތިޢުނާފު ކުރާ އަދަދުގެ %50އާ އެއްވަރުގެ އަދަދެއް ދައްކާ ނިންމުމަށްފަހު މައްސަލަ އެޕީލްކުރެވޭނެ ގޮތްވެސް ބިލުގައި ބުނެދީފައިވެއެވެ. އަދި އެ ބަދަލުތައް ގެނައުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވުމަކީ، މި ނިޒާމީ ބަދަލުތަކަށް ތައްޔާރުވުމަށް އިދާރާތަކަށް ލިބޭނެ ފުރުސަތެކެވެ.