ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން

އިތުރު 6 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީ


ބޯންމެރޯ ހެދުމަށް ތެލަސީމިޔާ އިތުރު ހަ ކުއްޖަކު އަންނަމަހު ރާއްޖެއިން ބޭރަށް ފޮނުއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުޞްތަފާ އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ކޮންމެ އަހަރަކު ތެލަސީމިޔާ ފަސް ކުއްޖަކު ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ފޮނުވުމަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދެއް ކަމަށާއި އަންނަމަހު ފޮނުވާ ހަ ކުދިންނާއެކު މި ސަރުކާރުގެ މިވީ ތިން އަހަރު ތެރޭގައި ޖުމްލަ ފަންސަވީސް ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އެހެންކަމުން ވެރިކަމުގެ ބާކީ ދެއަހަރު އޮއްވައި ރައީސް ޔާމީންގެ މި ވަޢުދު ފުއްދުނީ ކަމަށާއި އެހެންނަމަވެސް ކޮންމެ އަހަރަކުވެސް އިތުރު ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް ހަމަޖެހިފައިވާކަމަށް މުޞްތަފާ ވިދާޅުވިއެވެ. މުޞްތަފާ ވިދާޅުވީ، ބޯންމެރޯ ހެދުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާއިރު، ކޮންމެ ކުއްޖަކަށް ނުވަސަތޭކަ ހާސް ރުފިޔާއާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ ފައިސާ ޚަރަދުވާކަމަށެވެ.

ތެލަސީމިޔާ ކުދިން ބޯންމެރޯ ހެދުމަށް ފައިސާ ޚަރަދު ކުރައްވަނީ ޒަކާތު ފަންޑުންނެވެ. މިއަހަރު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށްދާ ކުދިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ބޯންމެރޯއަކީ ލޭއަޅާ ކުދިން އެކަމުން ސަލާމަތްކުރަން ކުރެވޭ ބޮޑު އޮޕަރޭޝަނެކެވެ.