ޚަބަރު

މިއަހަރުގެ "ރޯޑް ސޭފްޓީ ފެއަރ 2022" ހުޅުމާލޭގައި!


މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބާއްވާ "ރޯޑް ސޭފްޓީ ފެއަރ 2022"ހުޅުމާލެ ރުއްގަނޑު 2 ގައި ބާއްވަން ހިންމައިފިއެވެ.

މިއީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބާއްވާ ހަރަކާތެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަންގެ އިތުރުން 8 ފަރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިފެއަރ ކުރިއަށް ދާނީ 17 ޖޫން ވާ ހުކުރުދުވަހުގެ ހަވީރު 16:00އުން ފެށިގެން 18:00އަށެވެ.

"ރޯޑް ސޭފްޓީ ފެއަރ 2022"ގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި "މަންސާ" ޕެނަލް ޑިސްކަޝަން، މަޢުލޫމާތު ދޭ ސްޓޯލްތައް، ތަފާތު ވައްތަރަގު ކުޅިވަރުތަކުގެ އިތުރުން ނަސީބުވެރި ފަރާތެއް ހޮވުންވެސް ހިމެނެއެވެ.

މި ފެއަރއަކީ އޭގެ ޒާތުގައި ވަރަށް ފައިދާކުރުވަނިވި އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ފެއަރއެއްކަމަށް މިކަން ރޭވި ފަރާތްތަކުން ޤަބޫލުކުރެއެވެ.