ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން

ހުޅުމާލެ ހޮސްޕިޓަލް - ކެންސަރުބައްޔަށް ޚާއްސަ ތަނެއް


2004 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ޚިދުމަތްދެއްވަން ފެއްޓެވި ހުޅުމާލޭ ހޮސްޕިޓަލް 24 ގަޑިއިރު ޚިދުމަތްދެއްވާ ހޮސްޕިޓަލަކަށް ބަދަލުކުރައްވާފައިވަނީ 2004 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. 

ހުޅުމާލޭގައި ދިރިއުޅޭ އާބާދީ ދުވަހެއް ދުވަހަކަށް އިތުރަމުންދާއިރު، އެއާއަށްވަރަށް ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތް ތަރައްޤީކުރައްވައި، އައު ހަރުފަތަކަށް އެތަން ބަދަލުކުރެއްވުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެތަނުގެ ހިންގުން އާސަންދަ ކޮމްޕެނީއާ ޙަވާލުކުރައްވާފައިރު، އެތަން ޚާއްސަކުރައްވަނީ ކެންސަރުބަލީގެ ފަރުވާ ދޭ މަރުކަޒަކަށް ކަމަށް އާސަންދަ ކޮމްޕެނީން ވިދާޅުވެއެވެ. އެކަމާ ގުޅުންހުރި މަސައްކަތް އާސަންދަ ކޮމްޕެނީން ގެންދަވަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ކެންސަރު ބައްޔަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ ދިވެހިންގެ އަދަދު މަދުވެ، ޤައުމުގައި ތިބިގެން ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތް ތަކުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންވެސް ތައާރަފްކުރައްވާފައި ނުވާ ޚިދުމަތްތައް ހިމެނެއެވެ. އޭގެތެރޭގައި ތުންފަތާއި ތަލީގެ އައިބު ފިލުވުމަށްކުރާ (ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް) އޮޕަރޭޝަން ހިމެނެއެވެ. ކްލެފްޓް ލިޕް އަދި ކްލެފްޓް ޕެލެޓް، ނުވަތަ ތުންފަތާ ތަލީގެ އައިބު އޮފަރޭޝަނަކީ އުފެދުމުގައި ނޫނީ އެނޫނަސް ދިމާވާ ކަމަކުން ތުންފަތުގައި އަދި ތަލީގައި ހުންނަ އައިބުތައް ފިލުވާލުމަށް ހަދާ ސާޖަރީއެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ އެހެނިހެން ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ދަތުގެ ފަރުވާއާއި، ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ލެބޯޓްރީގައި ތެލެސީމިއާ ޓެސްޓުކުރުމުގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ހިމެނެއެވެ. އަދި އެހޮސްޕިޓަލުން ވަނީ އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ޚިދުމަތް ފަށްޓަވާފައެވެ. މިއީވެސް ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ފަސޭހައެއް ކަމަށް ހުޅުމާލޭގައި އުޅޭ ރައްޔިތުން ފާހަގަކުރެއެވެ.