އަންނަ އަހަރަށް ލަފާކުރައްވައި ދައުލަތުން ހުށަހެޅުއްވި ބަޖެޓްގައިވެސް އައްޑޫ ސިޓީގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ބަޖެޓްގައި ހުށަހަޅުއްވާފައިވާ ގޮތުން އައު އަހަރަށް ކޮންމެ އަތޮޅަކަށް ބަޖެޓްކުރައްވާފައިވަނީ މައިގަނޑު ބޮޑު 5 މަޝްރޫޢެކެވެ. މިގޮތުން އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި، އައްޑޫ ސިޓީއަށް ޚާއްޞަކުރައްވާފައިވާ 262 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެތެރޭގައި ސްކޫލްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ފެނާރި ނަރުދަމާ ނިޒާމު ޤާއިމުކުރެއްވުމާއި، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި އަދި ފުލުހުންގެ އިދާރާ ތަރައްޤީކުރެއްވުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
މީގެތެރޭގައި މިހާރު ހިނގަމުން އަންނަ މަޝްރޫޢުތަކުގެ އިތުރަށް އަލަށް ފެއްޓެވުމަށް ބަޖެޓްގައި ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކުގެތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ އުތުރާއި ދެކުނުގައި ނަރުދަމާ ނިޒާމް ޤާއިމުކުރައްވައި ނިންމެވުމާއި ކަސްޓަމްސްގެ ސައުތު ރީޖަން ހެޑް އޮފީސް ޢިމާރާތްކުރެއްވުމާއި، ޕޮލިސް އެކަޑަމީ ޢިމާރާތްކުރެއްވުމުގެ މަޝްރޫޢު އަދި އައްޑޫގައި ތަރައްޤީކުރައްވާފައިވާ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާނެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރެއްވުން ހިމެނެއެވެ.
img:http://s4.psmnews.mv/images/660x400/8576.jpg|އައްޑޫ ސިޓީ / ފޮޓޯ: ގޫގުލްއާތް
މިސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުގެތެރޭގައި އައްޑޫ ސިޓީގައި އެކަނިވެސް ފަސްދޮޅަސް ދެ މަޝްރޫޢު ވަނީ ހިންގަވާފައެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުމާއި ފެންވަރު މަތިކުރެއްވުމާ ގުޅޭ 13 މަޝްރޫޢަކާއި، ތަޢުލީމީ 11 މަޝްރޫޢަކާއި، ސްޕޯޓްސް އެރީނާ ތަރައްޤީކުރެއްވުމުގެ 10 މަޝްރޫޢަކާއި އަދި ބަނދަރާއި ޖެޓީ ތަރައްޤީކުރެއްވުމުގެ 5 މަޝްރޫޢުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ތަރައްޤީގެންނެވުމަކީ އަމާޒެކެވެ. އެގޮތުން އަތޮޅުތެރޭގައި ހިންގަވާ މަޝްރޫޢުތަކަކީ އަތޮޅުތަކުގެ ތަރައްޤީއަށް ހިންގޭ، ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތައް ޙާޞިލުކުރެއްމަށް އަމާޒުކުރައްވާފައިވާ މަޝްރޫޢުތަކެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.