ތިމާވެށި

"ފެހި ވާހަކަ" ކެމްޕެއިން އިފްތިތާޙުކޮށްފި


މާލެ ސިޓިއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކޮށް، ރަނގަޅުގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤާއިމްކުރައްވާ، އެކުންފުނިން ދަނީ ރަނގަޅުގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކޮށް ޢަމަލީ ގޮތުން އެކަމުގެ މަސައްކަތްކުރަމުންނެވެ. ރަނގަޅުގޮތުގައި ކުނި ނައްތާލުމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވެމްކޯއިން ވަނީ " ފެހި ވާހަކަ " މިނަމުގައި ޚާއްޞަ ކެމްޕެއިނެއް މިހާރު އިފްތިތާޙްކޮށްފައެވެ. 

މި ކެމްޕެއިންގައި އީ- ގައިޑް އަކާއި ސޯޝަލް މީޑިއާއަށް އަމާޒުކޮށްގެން ފޭސްބުކް ފޮޓޯ ކޮމްޕެޓިޝަނެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. ވެމްކޯގެ އީގައިޑް އިފްތިތާޙް ކޮށްދެއްވުވުމުގެ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބުދުﷲ ނާޒިމް ވިދާޅުވީ ރަނގަޅު ގޮތުގައި ކުނި ނައްތާލުމުގެ އެކަމަށްޓަކައި ޚާއްސަ ކުރެވިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ގޮތެއް ޤާއިމުކުރުން މުހިއްމު ކަމަށެވެ. އަދި މިއާއެކު ރާއްޖޭގައި ރަނގަޅު ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގެއްލުންތައް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރަހިމް ފުޢާދު ވިދާޅުވީ ވެމްކޯގެ އެއްމެ ބޮޑު އަމާޒަކީ ސަރުކާރުގެ ބަޖެޓުން ކުރިން ކުނިމެނޭޖް ކުރުމައްޓަކައި ހޭދަކުރަމުން އައި މިންވަރު ކުޑަކުރުން ކަމަށެވެ. އެގޮތުން މިހާރު އެކަން ހާސިލް ވެފައިވާކަމަށްވެސް ފުއާދު ވާހަގަކުރެއްވިއެވެ.

މި ކެމްޕެއިންގެ ސަބަބުން ރަނގަޅުގޮތުގައި ކުނި މެނޭޖް ކުރުމަށް އާއްމުން ހޭލުންތެރިވެ، ވެމްކޯގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެކަމަށް ވެމްކޯއިން ދެކެއެވެ.