އުއްމީދާއި ތަރައްޤީ

މާލޭގެ ތަރައްޤީއަށް ޗައިނާއިން 7 މިލިއަން ރުފިޔާގެ އެހީއެއް


މާލޭގައި ކުރިއަށްގެންދަވާ ރި-ޑިވެލޮޕްމެންޓް މަޝްރޫއުތަކަށް އެހީވުމުގެ ގޮތުން ޗައިނާ އެމްބަސީން 7 މިލިއަން ރުފިޔާގެ އެހީއެއް ހައުސިންގ މިނިސްޓްރީއަށް ދެއްވައިފިއެވެ. 

މިކަމަށްޓަކައި ހައުސިންގ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޗައިނާ އެމްބަސީން ދިން އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މި ފައިސާ ޚަރަދު ކުރައްވާނީ ހިގާފައި އުޅޭ ގޯޅިތައް އިތުރަށް ތަރައްޤީ ކުރެއްވުމަށް ކަމަށެވެ. މިއަހަރުގެ ތެރޭގައި ހިނގާފައި އުޅޭ ގޯޅީގެ ގޮތުގައި ހަމަޖައްސަވާފައިވާ 7 ގޯޅި ތަރައްޤީ ކުރެއްވުމަށް ޕްލޭންކުރައްވާފައިވަނީ، ބެންޗްތަކާއެކު، ކުޑަކުދިންނާ ގުޅޭގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށްޓެވުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށް މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވިއެވެ.

ޗައިނާ އިން ހަދިޔާ ކުރި ފައިސާއިން ވިލިމާލޭގައި ޕާކެއް ތަރައްޤީ ކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު، އަހްމަދު ނިހާނު ހުސެން މަނިކު ވިދާޅުވީ، މިއީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދިވެހި ރައްޔިތުންނަށް މިހާރު ފެންނަމުންދާކަން ނިހާން ފާހަގަކުރެއްވިއެވެ.

ޗައިނާ އެމްބަސީން ހައުސިންގ މިނިސްޓްރީއަށް ދިން އެހީ މިނިސްޓްރީއާ ހަވާލު ކުރުމަށްފަހު ވާހަކަދައްކަވަމުން އެމްބެސެޑަރ ވަންފޫކާން ވިދާޅުވީ، ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަން އަބަދުވެސް ދެމުންދާނެ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަންނަކަން އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

މާލެއަކީ ހިތްފަސޭހަތަނަކަށް ހެއްދެވުމަށް ފަށްޓަވާފައިވާ މަޝްރޫއުގެ ދަށުން 7 ގޯޅިއެއް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދުކުރައްވާ ހިނގާފައިއުޅޭ މަގުގެ ގޮތުގައިވަނީ ކަނޑައަޅުއްވާފައެވެ. ހިނގާފައި އުޅޭ ގޯޅިތަކުގެ ގޮތުގައި ހެދުމަށްޓަކައި އެ ގޯޅިއެއްގައި އުޅޭ ރައްޔިތުންނަށް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގެ ރި-ޑިވެލޮޕްމެންޓް ޕްލޭން އެކުލާވާލެއްވުމަށްފަހު، މި މަޝްރޫއުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.