އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - ޒުވާނުންގެ ސިޓީ ދަނީ ތަރައްޤީވަމުން


ސަރުކާރުގެ މުޙިއްމު އެއް ވައުދަކީ، ހުޅުމާލެ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމެވެ. ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި ހުޅުމާލޭގައި ޒުވާނުންނާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނިންމަވާފައިވާއިރު، ގިނަ މަސައްކަތްތަކެއް މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. 

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ މެނިފެސްޓޯގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދަވައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. މި ވައުދު ފުއްދަވައިދެއްވުމުގެ ގޮތުން ހުޅުމާލެ ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. ސަރުކާރުގެ ފާއިތުވި ތިން އަހަރު ހުޅުމާލޭގައި ޒުވާނުންނާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާފައިވެއެވެ. ހުޅުމާލެ ފުރަތަމަ ފޭސްގެ ބާބެކިއު އޭރިއާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވާ ނިންމަވާފައިވެއެވެ. 

ޒުވާނުންނަށް ޚާއްސަކޮށްގެން، ކެފެޓީރިއާއި، ޖިމާއި، ތަފާތު ކުޅިވަރު ކުޅެވޭގޮތަށް ފަރުމާކޮށް، ހުޅުމާލޭގައި ތަރައްޤީ ކުރެއްވި  ކޮމިއުނިޓީ ސެންޓަރުގެމަސައްކަތްނިންމާ  ޒުވާނުންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. 

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރާ ޔޫތް ޕާރކްގައި ހިމެނޭ ސްކޭޓް ޕާރކްގެ މަސައްކަތުގެ ބޮޑުބައެއް  މިހާރުވަނީ ނިންމިފައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ސެކްޓަރ އަކަށް ތަރައްޤީކުރައްވާ ސެންޓްރަލް ޕާރކްގެ ފުރަތަމަ ސެކްޓަރގެ މަސައްކަތް ނިންމަވާ މި އަހަރުގެ މޭ މަހު ވަނީ އާންމުންނަށް ހުޅުއްވާލައްވާފައެވެ. ހުޅުމާލެއަކީ ވިޔަފާރިކުރުމަށްވެސް ފަހި ފުރުސަތުތަކެއް އޮތްތަނެކެވެ. މި އަހަރުގެ ތެރޭގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވަނީ، ކޭފޭއަކާއެކު ސުޕަރމާކެޓެއް ހުޅުވާފައެވެ. އަދި ޝޮޕިންގ މޯލް ކޮންސެޕްޓަށް ރާއްޖޭގައި އަލަށް ޤާއިމްކުރާ މޯލްގެ މަސައްކަތްވެސް ނިންމާ މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. 

img:http://s4.psmnews.mv/images/660x400/14636741202673.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިން މަތިން ފެންނަ ފޮޓޯއެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ފުރަތަމަ ފިޔަވަހީގައި އަލަށް އިމަރާތްކުރެއްވި 30 ރޯ ހައުސްގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އަދި ހުޅުމާލޭގައި އަމިއްލަފަރާތްތަކުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތައް ނިންމެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 

ހުޅުމާލެ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުގެ ތެރެއިން އެންމެ ފާހަގަވެގެންދާ އެއްކަމަކީ ހުޅުމާލޭގެ ބިން ހިއްކެވުމުގެ މަޝްރޫއެވެ.ހުޅުމާލޭގެ ބިން ބޮޑު ބޮޑުކުރެއްވުމަށް ސަރުކާރުން ފެއްޓެވި މަޝްރޫއުގެ ތެރެއިން 244 ހަތަރު ހެކްޓާރުން ބިން ހިއްކާ ނިންމާލާފައިވަނީ ގާތްގަޑާކަށް އެންމެ ދެ މަސްދުވަހުގެ ތެރޭ ގައެވެ.ހިއްކި ސަރަހައްދުގެ ބިންގަނޑު ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިދިޔަ އަހަރު ފައްޓަވާ އެ މަސައްކަތް މި އަހަރުގެ ތެރޭގައި އެއްކޮށްވަނީ ނިންމަވާލައްވާފައެވެ. ދެވަނަ ފިޔަވަހީގެ 14 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، މި އަހަރު ނިމުމުގެ ކުރިން ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުނިތަކުންދަނީ މަސައްކަތް ކުރަމުންނެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނުވަތަ ޒުވާނުންގެ ސިޓީއަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއެކު ތަރައްޤީ ކުރައްވާ ތަނެކެވެ. ދެވަނަ ފިޔަވަހި ތަރައްޤީވެގެންދާއިރު އެތަނުގައި، ޓޫރިޒަމް ޑިސްޓްރިކްޓާއި، ޔޮޓް މެރިނާއާ ކްރޫޒް ޓާރމިނަލަކާއި އެކުބިޒްނަސް ޑިސްޓްރިކްޓެއްތަރައްގީކުރެވިގެންދާނެއެވެ. މީގެ އިތުރުން ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ވޯޓަރ ސްޕޯޓް އޭރިއާކާއި ނޮލެޖް ޕާކެއް، ވޯޓަރ ތީމް ޕާކެއް އަދި ޔޫތް ޕާކެއްވެސް ހިމެނެއެވެ. އަދި  ސްޕޯޓްސް އެރީނާއާއިމިއުޒިކް އެންޑް އާޓް އިންސްޓިޓިއުޓަކާއިއެންޓަރޓެއިންމެންޓް ޑެކެއްއަދި ފުޓްބޯލް ސްޓޭޑިއަމެއްގެ އިތުރުން ހެރިޓޭޖް އައިލެންޑެއްވެސް ތަރައްޤީކުރެވޭނެއެވެ.