އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - ބަނދަރު ހެދުމުގެ 36 މަޝްރޫޢެއް ނިންމެވި


ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރެއްވުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 36 ރަށެއްގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް އެއްކޮށް ނިންމާ އެރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ސަރުކާރުންވަނީ ހައްލުކޮށްދެއްވާފައެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 14 ރަށެއްގެ މަސައްކަތް ނިންމަވާފައިވެއެވެ. ޖެހިގެން އައި 2015 ވަނަ އަހަރު 6 ރަށެއްގެ ބަނދަރު ނިންމާ އެ ރަށްރަށުގެ ރައްޔިތުންނަށް ހިނިތުންވެސް ގެނެސްދީފައިވެއެވެ. މި އަހަރުގެ މިހާތަނަށް 16 ރަށެއްގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާވަނީ ބޭނުންކުރަން ފަށާފައެވެ.

މި ތިން އަހަރު ބަނދަރު ހެދުމަށް ކުރިޔަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން 3 މަޝްރޫއަކީ އޮފިޑް ލޯން އެހީގައި ކުރިއަށްގެންދެވި މަޝްރޫއުތަކެކެވެ. އަނެއް 33 މަޝްރޫއު ކުރިއަށް ގެންދަވާފައިވަނީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދު ކުރައްވައިގެނެވެ. މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ބަނދަރު ހެއްދެވުމުގެ މަޝްރޫއުތަކަށް ބަލާއިރު، 48 ރަށެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ތެރެއިންވެސް ބައެއް ރަށްތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14782167590829.jpg|ށ. ކަނޑިތީމު ބަނދަރު ސަރަޙައްދުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ކަނޑިތީމު ކައުންސިލް

މި މަޝްރޫއު ތަކުގެ ތެރޭގައި އަލަށް ބަނދަރު ހެދުމާއި، ބަނދަރު ބޮޑުކުރުމާއި، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބަނދަރު ހަދަންޖެހޭ ހުރިހާ ރަށެއްގެ މަސައްކަތް އަންނަ އަހަރު ފެށެންވާއިރަށް ފެއްޓެވުމެވެ. މި އަމާޒަށް ވާސިލްވުމަށް އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުން ހުށަހެޅުއްވި ބަޖެޓުގައި 70 މަޝްރޫއެއް ކުރިއަށްގެންދެވުމަށް ބަޖެޓް ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށީގެންވާ ބަނދަރެއް ހެއްދެވުމެވެ.