އުއްމީދާއި ތަރައްޤީ

ސަރުކާރަށް 3 އަހަރު - މާލެއަށް ބޮޑެތި ބަދަލުތަކެއް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިވޭތުވެދިޔަ 3 އަހަރުގެތެރޭގައި މާލޭގެ ތަރައްޤީއަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެއެވެ. މާލޭގެ ރީޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މާލޭގައި ހުސްޖާގަ އިތުރުކުރައްވައި، ރައްޔިތުންނަށް ހިތްފަސޭހަކޮށްލެވޭނެ ފަދަ މާހައުލެއް ޤާއިމުކުރައްވައި، ފިނި މައިޒާންތަކާއި، ކުޑަކުދިންގެ ޕާކް ފަދަ ތަންތަން ތަރައްޤީކުރެއްވުމުގެ މަސައްކަތް މި ޕްލޭންގެ ދަށުން ކުރިއަށްގެންދަވާފައިވެއެވެ.

މާލޭ ސިޓީ ތަރައްޤީކުރެއްވުމުގެ މަސައްކަތަށް ބަލާއިރު، މާލެ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އޮކްޓޯބަރުމަހު ވަނީ ފައްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެންމެ ކާރޫބާރު ބޮޑު މަގު މަޖީދީމަގު ހިމެނޭހެން، މާލޭގެ މައި 13 މަގެއް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ވަނީ ހަމަޖައްސަވާފައެވެ. މިމަޝްރޫޢުގެ ދަށުން މަގުތައް ހެދިގެންދާނީ ގައު ނަގާ، އެއްވަރުކުރުމަށްފަހު އަލުން ގައު އަތުރައިގެނެވެ. އަދި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމުގެގޮތުން ކާނުތައް ބަދަލުކޮށް، މިހާރުހުރި ކާނުތަކުގެ ސައިޒް ދެގުނައަށް ބޮޑުކޮށް، ކާނުތައް ގުުޅާލެވި، ކާނުތަކަށް އެޅޭފެން ވަކި ދިމާލަކުން މޫދަށް ބޭރުވާ ނިޒާމެއް ޤާއިމުވެގެންދާނެކަަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14767039182085.jpg|މަޖީދީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: ޕީއެސްއެމް

މިމަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. މާލެ ސިޓީގެ ތަރައްޤީއަށް ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ މާލޭގެ ހުޅަނގުފަރާތުގެ މަލަމަތި ބަދަލުކުރައްވައި، ރާއްޖޭގެ ރީތި ޖަޒީރާ ރަށެއްގެ ސިފަ މަލަމަތިން ދައްކައިދޭ ގޮތަށް ތަރައްޤީކުރެއްވި ހެދިގޮނޑުދޮށް "ރަސްފަންނު"އެވެ. ދިވެހި ސަގާފަތާއި، ތަރައްޤީގެ ކުލަ ފެނިގެންދާގޮތަށް ސަރުކާރުން އެތަން ތަރައްޤީކުރައްވާފައިވާނީ، އިޖުތިމާޢީގޮތުން ޙަރަކާތްތެރިވެ އުޅެވޭނެ ތަފާތު ކަންކަން ހިމަނުއްވައިގެނެވެ. 

މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މާލެއިން ފެނިގެންދާ އެންމެ ބޮޑު އަނެއް ބަދަލަކީ ޖުމްހޫރީ މައިދާން ޒަމާނީ ފެންވަރަކަށް މަރާމާތުކުރައްވައި އެތަން އަލުން ހުޅުވުމެވެ. އެތަން ތަރައްޤީކުރައްވާފައިވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ ބިނާއަކާ ފެންއަރުވާ ވަޑާމަކާއެކުއެވެ. އަދި މިނިވަން ފަންސާހާއި ގުޅުވައިގެން އަލުން ހަދާފައިވާ ރަސްމީފާލަން ނުވަތަ "އިއްޒުއްދީންފާލަން" ވެސް ވަނީ ރަސްމީކޮށް ހުޅުވާ 2015 ވަނަ އަހަރުގެތެރޭގައި ބޭނުންކުރަން ފަށާފައެވެ.

އާއިލާތަކަށް ހިތްފަސޭހަކޮށްލެވޭނެ ފަދަ މާހަޢުލެއް ޤާއިމުކުރުމުގެ ގޮތުން މިސަރުކާރުގެ މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ވަނީ  މާލޭގައި ޖުމްލަ 8 ޕާކެއް ތަރައްޤީކުރައްވައި ހުޅުއްވާފައެވެ. މިގޮތުން ކާނިވާ ސަރަހައްދުގައި ސަރުކާރުން ތަރައްޤީކުރެއްވި "އިސްކަންދަރު މައިޒާން" ސޯސަންގޭގައި ތަރައްޤީކުރައްވާފައިވާ "ރެހެންދި މައިޒާން" އަދި ޗާންދަނީމަގާއި ލިލީމަގު ގުޅޭ ކަންމަތީގައި ތަރައްޤީކުރައްވާފައިވާ "ހިއްތަން މައިޒާނަކީ ސަރުކާރުން އެންމެފަހުން ހުޅުއްވި ތިން މައިޒާންއެވެ. 

މާލޭގައި ހުސްޖާގަ އިތުރުކޮށް، މާލޭގައި ދިރިއުޅޭރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމް ކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ސަލްޓަން ޕާކްގައި ސްނޯ ޕާކެއް އަދި ގަލޮޅު ސިޓީ ޕާކްގައި ލެޑް ޕާރކެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

img:http://s4.psmnews.mv/images/660x400/14710202717850.jpg|މާލޭ ސޯޝަލް ސެންޓަރުގެ ގޯތިތެރޭގައި ހަދާފައިވާ ޕާކް- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރަށްވެސް ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރެއްވި ސުނާމީ ބިނާ މައިޒާން ވަނީ މިއަހަރުގެތެރޭގައި ހުޅުވާފައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އަމަލީ މަސައްކަތަށް ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ ނެގުމަށްފަހު، ތިން ރުއް ޕާކް ސަރަޙައްދަށް ބަދަލުކުރައްވައި، އެތަނުގައި ޒަމާނީ ފެންވަރުގެ ޕާކެއް ތަރައްޤީކުރައްވައި އާއްމުންނަށް މިއަހަރުގެ މާޗު މަސްތެރޭގައި ވަނީ ހުޅުއްވާލައްވާފައެވެ. ޕަބްލިކް ވޯކްސް ސާރވިސަސްއާ ހަވާލުކުރައްވައިގެން ކުރެއްވި މިމަސައްކަތަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ.

ސަލްޓަންޕާކް ކުރިމަތީގައި ކުރިން ހުރި ޖުމްހޫރީ ބިނާ މުއިވެޔޮދޮށު މައިޒާނަށް ބަދަލުކުރައްވައި އެ މައިޒާން ވެސް އަލުން ތަރައްޤީކުރައްވައި، މިދިޔަ އަހަރުގެތެރޭގައި ވަނީ ހުޅުވާފައެވެ. އަދި ހުޅަނގު ދެކުނު ފަރާތު ހާބަރު ސަރަޙައްދުގައި ތަރައްޤީކުރައްވާފައިވާ "ރާވެރިބޭ މައިޒާން" ވެސް ވަނީ މިދިޔަ އަހަރުގެތެރޭގައި ހުޅުވާފައެވެ.

މާލޭގައި އެންމެ ގިނަ މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި، އެތަނާއި ގުޅިފައިވާ ބައެއް މަގުތައް ހިމެނޭގޮތަށް މާބުލް ޖެހުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ. މިމަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް ފަސްހާސް އަކަމީޓަރުގެ ސަރަޙައްދެއްގައި މާބްލް ޖަހާ ނިންމަވައި، މިއަހަރުގެ ރަމްޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައެވެ. މިމަސައްކަތްކުރައްވާފައިވަނީ ޗައިނާ ސަރުކާރުން ދިން 1.14 މިލިޔަން ޑޮލަރުގެ އެހީގެ ދަށުންނެވެ.

img:http://s2.psmnews.mv/images/660x400/14651402755427.jpg|އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހާފައި / ފޮޓޯ: ޕީއެސްއެމް

މާލޭގެ ބައެއް ސަރަޙައްދުތަކަކީ ދުއްވާ އެއްޗެހި ނުދުއްވާ ހިތް ފަސޭހަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމުގެ ޕްލޭންގެ ދަށުން ހިނގާފައި އުޅޭ ސަރަޙައްދުތަކުގެ ގޮތުގައި މާލޭގެ 8 ގޯޅިއެއް މިހާރު ވަނީ ހަމަޖައްސަވާފައެވެ.  މިގޯޅިތައް ޑިޒައިންކުރައްވާ، ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ނިންމަވާފައެވެ.

މާލޭ ހުޅަނގު ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖެއް ޤާއިމުކުރެއްވުމަށް މިސަރުކާރުން ނިންމަވާ އެމަސައްކަތްތައް ވަނީ ފައްޓަވާފައެވެ. ސިނާޢީ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރައްވާއެތަނުގައި މާލޭގައި އުފެދޭ ކުނި މެނޭޖްކުރާ މަރުކަޒަކާއި، މާލެ ތެރޭގައި ހުރި ކެމިކަލް ގުދަންތަކެއް ހިމެނޭގޮތަށް އެތަން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މިމަޝްރޫޢުގެ ދަށުން މިކަމަށްޓަކައި އެސަރަޙައްދުން 6.9 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މިމަޝްރޫޢަކީ މާލޭގެ މަލަމަތި ބަދަލުކޮށްލުވާނެފަދަ ބިޔަ މަޝްރޫޢެކެވެ.