ތަރައްްޤީ

ގިނަ ސަރަހައްދުތަކެއްގައި އެއާސްޓްރިޕްތަކެއް ތަރައްޤީކުރައްވަނީ


ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ގިނަވެގެން ބައި ގަޑިއިރު ތެރޭގައި ލޯންޗެއްގައި ދަތުރުކޮށްގެން ދެވޭ ހިސާބެއްގައި އެއާސްޓްރިޕެއް އޮތުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިސްނުންފުޅު އޮތީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރެއްވުމާ އެކު، ދަތުރުފަތުކުރުމުގެ ލުއިފަސޭހަތަކާއެކު މުޅި ރާއްޖެ ގުޅާލުންކަމުގައެވެ. އެގޮތުން ސަރުކާރުގެ އަމާޒުހުރީ  ލޯންޗެއްގައި 30 މިނިޓުން ދެވޭ، އެއާސްޓްރިޕެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އޮތުން ކަމަށް ވިދާޅުވިއެވެ. މި އެއާސްޓްރިޕަކީ 1.2 ކިލޯ މީޓަރުގެ އެއާސްޓްރިޕަކަށް ވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މިއަމާޒަށް ވާސިލްވުމަށް ސަރުކާރުން ގެންދަވަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ. އެގޮތުން އަންނަ އަހަރު ތެރޭގައިވެސް ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އިތުރު އެއަރޕޯޓްތަކެއްގެ ހެއްދުމުގެ މަސައްކަތް ފެއްޓެވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެ އިތުރުން މިހާރު މަސައްކަތް ފެށި ނުނިމި ހުރި އެއަރޕޯޓްތައްވެސް ނިންމެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މި އެއަރޕޯޓްތައް ނިމި އޮޕަރޭޝަން ފެށުމުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު އޮޕަރޭޓްކުރަމުންދާ ބައެއް އެއަރޕޯޓްތަކަށް ބަލާއިރު ގިނަ އެއަރޕޯޓްތަކުގެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯ މީޓަރެވެ.

ރާއްޖޭގައި މިހާރު ޖުމްލަ 11 އެއަރޕޯޓަކުން ޚިދުމަތްދެމުންދެއެވެ. އެއީ:

1- ހދ. ހަނިމާދޫ އެއާރޕޯޓް

2- ރ. އިފުރު އެއާރޕޯޓް

3- ބ. ދަރަވަންދޫ އެއާރޕޯޓް

4- އދ. މާމިގިލީ ވިލާ އެއާރޕޯޓް

5- ތ. ތިމަރަފުށީ އެއާރޕޯޓް

6- ލ. ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ މަރުކަޒު

7- ގއ.ކޫއްޑޫ އެއާރޕޯޓް

8- ގދ.ކާޑެއްދޫ އެއާރޕޯޓް

9- ފުވައްމުލައް ސިޓީ އެއާރޕޯޓް

10 އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް

11- އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާރޕޯޓް

ވައިގެ ބަނދަރު ތަރައްޤީކުރެއްވުމުގެ މަޝްރޫޢުތަކުގެ ތެރެއިން މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާފައި ވަނީ ހދ ކުޅުދުއްފުއްޓާއި، ށ ފުނަދުއާއި ގދ ފަރެސްމާތޮޑާއާއި ފ.ނިލަންދޫ ވައިގެ ބަނދަރު ތަރައްޤީކުރެއްވުމުގެ މަޝްރޫޢެވެ.