ޓުއަރިޒަމް

ޑަބް.ލިޔު.ޓީ.އެމް 2016 - އިންވެސްޓަރުން ހޯދުމަށް ފުރުޞަތު ލިބުނު


"ވޯލްޑް ޓްރެވަލް މާކެޓް" ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ފެއަރއެވެ. އަދި މިއީ އައި.ޓީ.ބީ ފެއަރއަށްފަހު ރާއްޖޭގެ ފަރާތުން ބައިވެރިވާ ދެވަނައަށް އެންމެ ބޮޑު ފެއަރވެސްމެއެވެ. މިއަހަރުގެ ފެއަރގައި ޖުމްލަ 182 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި، އޭޝިޔާ، ދެކުނު އޭޝިޔާ، އެފްރިކާ، އެމެރިކާ، ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތައް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގެ "އެކްސެލް ލަންޑަން" ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ 37 ވަނަ ޑަބްލިޔު.ޓީ.އެމް ފެއަރއަށް ރާއްޖޭގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްޑޭންޑް ފަރުމާކޮށްފައިވަނީ މިއަހަރު ފާހަގަކުރަމުން އަންނަ "ވިޒިޑް މޯލްޑިވްސް އިޔަރ" ޝިޢާރާއި ގުޅުވައިގެނެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މުއްސަނދިކަން ދައްކުވައިދޭ ތަފާތު މަންޒަރުތައް ބޭނުންކޮށްފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14787660521181.jpg|ޑަބްލިޔުޓީއެމް 2016ގެ ތެރޭގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑެއް

މިއަހަރުގެ ފެއަރގައި ރާއްޖެ ތަމްސީލްކުރުމުގައި އެމް.އެމް.ޕީ.އާރ.ސީއިން އިސްކޮށް ހަރަކާތްތެރިވެފައިވާއިރު، ރާއްޖޭގެ 66 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި، ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ރާއްޖޭގެ ސްޑޭންޑަށް ޒިޔާރާތްކުރި ފަރާތްތަކުން ނިސްބަތަށް ބަލާނަމަ، މިދިޔަ އަހަރާއި އަޅާބަލާއިރު، މިފަހަރުގެ ފެއަރއަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާކަމަށް އެމް.އެމް.ޕީ.އާރ.ސީން ވިދާޅުވެއެވެ.

ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި، އޭޖެންޓުން އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް ހުޅުވާލެވިގެންދާ އަގުހުރި ފުރުޞަތެއްކަމުން، މި ފެއަރއިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔޭގެ މާކެޓްތަކުގައި އިޝްތިރާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަކަމަށް ޤަބޫލުކުރާކަމުގައި، ފެއަރގައި ބައިވެރިން ބުނެއެވެ.