ޚަބަރު

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ


  • ނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި އަންހެނެއް

  • އަނިޔާވި އަނެއް ދެ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 26 އަހަރުގެ ދިވެހި އަންހެން މީހާ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން ނިޔާވި 26 އަހަރުގެ އަންހެން މީހާއެވެ.

އަނިޔާވި ދެ ފިރިހެނުންނަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.