އުއްމީދާއި ތަރައްޤީ

ބަޖެޓް 2017 - ވައުދުތައް ފުއްދުމަށް ބޮޑު ހޭދައެއް ކުރާނެ


ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ތަރައްޤީގެ ބިޔަ މަޝްރޫއުތަކެއް ފައްޓަވާފައެވެ. ސަރުކާރުން ފަށްޓަވާފައިވާ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި، ހުޅުމަލޭގައި ޔޫތް ސިޓީއެއް ތަރައްޤީ ކުރެއްވުމާއި، ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖް ހިމެނެއެވެ. 

މިހާރުވެސް އަމަލީ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫއަށް 846.4 މިލިއަން ރުފިޔާ އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުގައި ކަނޑައަޅުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމުގެ ރިޔާސީ ވައުދުތަކުގެތެރޭގައި ހިމެނޭ ހުޅުމާލޭގައި ޔޫތް ސިޓީއެއް ތަރައްޤީކުރުމަށް 121.8 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. ހަމައެއާއެކު މާލޭގައި ދިރިއުޅެމުންދާ ގިނަބައެއްގެ އުންމީދާ ގުޅިފައިވާ،  ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއަށް 287.9 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/9407.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޮޑެލް އެއް- ފޮޓޯ: އެޗްޑީސީ

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ، ސަރުކާރުން ހިންގަވާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޒަމާނީ ޚިދުމަތްތަކެއް އަދި ފަހި ދިރިއުޅުމެއް ފޯރުކޮށްދެވޭނެ އިޤުތިޞާދީ އަދި އިޖްތިމާޢީ ވެށްޓެއް ޤާއިމުކުރެއްވުން ކަމުގައެވެ.

ވިޔަފާރި ކުރިއަރައި، ފައިސާ ތަނަވަސްވެގެން ނޫނީ ތަރައްޤީއެއް ނުގެނެވޭނެއެވެ. އެހެންކަމުން ތަރައްޤީއަށްޓަކައި ރަނގަޅު އެއްފަސްކުރުމުގެ ނިޒާމެއް މުހިންމެވެ. މިގޮތުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ތަރައްޤީކޮށް، ޞިއްޙީ ޚިދުމަތާއި ދިރިއުޅުމުގެ އަސާސީ ވަސީލަތްތައް މި ދަނީ ފަހިކުރެވެމުންނެވެ. ބްރިޖު މެދުވެރިކޮށް އެ ދަނީ މާލެއާ ހުޅުމާލެ ގުޅުވައިލެވެމުންމެވެ.

އަންނަ އަހަރު ދައުލަތުގެ ޚަރަދުގެ ބޮޑު ބައެއް ކަނޑައެޅިފައިވަނީ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށެވެ. މިގޮތުން އިޖުތިމާޢީ ތަރައްޤީއަށް ޖުމުލަ ބަޖެޓުގެ 38 އިންސައްތަ ކަނޑައަޅުއްވާފައިވާއިރު، އިޤްތިޞާދީ ތަރައްޤީއަށް 13 އިންސައްތަ ހޭދަކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.