އުއްމީދާއި ތަރައްޤީ

ބަޖެޓް 2017 - ކެޕިޓަލް ޚަރަދުގެ %60 ތަރައްޤީގެ މަޝްރޫޢުތަކަށް


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށައެޅުއްވި ބަޖެޓުގެ 49.3 އިންސައްތަ ހިއްސާކުރާނީ ކެޕިޓަލް ޚަރަދުތަކަށެވެ. އެހެންކަމާއެކު، މިއީ މިހާތަނަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު ހިއްސާއެއް ކަނޑައެޅިފައި އޮތް ބަޖެޓެވެ. 

ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑަށް އިސްކަންދީފާވާނީ، ތިމާވެށީގެ ދާއިރާއިން ކުނި ނައްތާލުމާއި މެނޭޖްކުރުމާއި ހިއްކާފައިވާ ބިންތައް ތަރައްޤީ ކުރެއްވުމުގެ މަޝްރޫތަކަށްކަމަށެވެ. މީގެއިތުރުން އެސްއީޒެޑް މެދުވެރި ކުރައްވާ، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް އަންނަ އަހަރު ބަދަލު ކުރެއްވުމަކީވެސް ސަރުކާރުގެ އަމާޒެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އާރާސްތުކުރުމުގެ މަސައްކަތަށް ބަލާއިރު، ހިއްކާފައިވާ ބިންތައް ތަރައްޤީކޮށް، އިޤްތިޞާދީ މަސައްކަތްތައް ފެށޭނެ މަގު ތަނަވަސްކޮށް، ގެދޮރު ބިނާކުރެވޭނެ. މީގެ އިތުރުންވެސް ސްޕެޝަލް އިކޮނޮމިކް ޒޯން މެދުވެރިކޮށް، މާލޭ ކޮމާރޝަލް ހާރބަރ ތިލަފުއްޓަށް ބަދަލުކުރުމާއި، އައިހެވަން ތަރައްޤީކުރުމަކީވެސް ސަރުކާރުގެ އަމާޒެއް." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14677154362836.jpg|ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ހައުސިންގ މިނިސްޓްރީ

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށް ޓަކައި އަލަށް ބިނާކުރެވޭ 25 ބުރީގެ އިމާރާތައް 1.3 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. އަދި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް 627 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. ކުނި ނައްތާލުން ހަރުދަނާކުރުމުގެ މަޝްރޫޢުތަކަށް 209.8 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅުއްވާފައިވާއިރު އިޤްތިޞާދީ މަންފާ ލިބޭނެފަދަ މަޝްރޫޢުތަކެއް ބަޖެޓް މެދުވެރިކޮށް އަންނަ އަހަރު ފައްޓަވާނެކަން ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެތެރޭގައި ކާބޯތަކެތި ސިނާޢީ ގޮތެއްގައި އުފައްދާނެ މަގު ތަނަވަސްކުރުމާއި، މަސްވެރިންނަށް ފަސޭހައިން އެން ލިބޭނެ ގޮތް ހެދުމަށް އެން އާލާކުރުމާއި ފިޝްމީލް ޕްލާންޓެއް ޤާއިމުކުރުމާއި މެރިކަލްޗަރ މަޝްރޫޢުތައް ހިމެނޭ. މީގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމަށް އާރޯކަން ލިބި، އިޤްތިޞާދީ އާ ވަޒީފާތަކެއް އުފެދޭނެ" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމާ ދަނޑުވެރިކަމަށް ކަނޑައަޅުއްވާފައިވަނީ 84.9 މިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ޖުމްލަ އަދަދީ 26.7 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ދައުލަތުން ހުށައެޅުއްވި ބަޖެޓްގެ އެންމެ ބޮޑު އެއް އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.