ޚަބަރު

ރާއްޖޭގައި އުފައްދާ ތަކެތި އިމްޕޯޓްކުރުން މަދުކުރުމަށް ފިޔަވަޅުތަކެއް


  • ކާށި، ކުރުނބާ ފަދަ ތަކެތި އިމްޕޯޓްކުރާ މިންވަރު އިތުރުވެފައިވޭ

  • ދަނޑުވެރިކަން ފުޅާކުރަން ބިންތަކެއް ހޯދި، ރަނގަޅު ޕްރޮޕޯސަލްތަކެއް ވަނީ ލިބިފައި

  • ކަނޑުމަހުގެ ބާވަތްތައްވެސް އެތެރެކުރާ މިންވަރު މަދުކުރުމަށް ދަނީ މަސައްކަތްކުރަމުން

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއް، ނަމަވެސް ދިވެހިރާއްޖޭގައި އުފެއްދޭ ބާވަތްތަކެއްވެސް ހުރެއެވެ. ބައެއް ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރަން ޖެހޭ ތަކެތި ނޫން ކަމަށް ހީވިއަސް އުފެއްދުންތެރިކަން ދައްވެ، ބާޒާރަށް ބޭނުންވާ މިންވަރަށް ނުއުފެއްދެއެވެ. ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ސިޔާސަތަކީ މިކަމަށް ހައްލެއް ގެނައުމަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތެކެވެ.

މިވަގުތު ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި މުދަލުގެ ތެރެއިން ހަލާކުވާ ޒާތުގެ ނުވަތަ ޕެރިޝަބަލް މުދަލަށް އެކަނި ބެލިނަމަވެސް، ގިނަ ބާވައްތަކަކީ އިމްޕޯޓް ކުރާ ބާވައްތަކެވެ. ރާއްޖެއަށް އެތެރެކުރާ ބާވައްތަކުގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މިކަން ފެނިގެންދެއެވެ. ކާއްޓާއި، މަހަކީ ދިވެހިރާއްޖެގައި ޒަމާނުއްސުރެ ލިބެން ހުންނަ ބާވައްތަކެވެ. ރަށްރަށުން ލިބެން ހުރި ވަސީލަތެއް ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް އައި ކުރިއެރުންތަކާއެކު ރަށްރަށުގައި ބޭނުންވާ މިންވަރު އިތުރުވެ، ރިސޯޓުތަކަށްވެސް މި ބާވައްތަކުގެ ޑިމާންޑު އިތުރުވިއެވެ. މިކަމުގެ ސަބަބުން ޑިމާންޑާއި އެއްވަރަށް މި ބާވައްތަ ފޯރުކޮށް ނުދެވުމުން އިމްޕޯޓަށް ބަރޯސާވިއެވެ.

މިކަން ހާމަވާ އެއް ހެއްކަކީ ރާއްޖެއަށް ކުރުނބާ އެތެރެކުރާ މިންވަރަށް އައި ބަދަލެވެ. ހަމައެކަނި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 11 މިލިޔަން ރުފިޔާގެ ކުރުނބާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރު އެކަނިވެސް 24.8 މިލިޔަން ރުފިޔާގެ ކުރުނބާ ވަނީ އެތެރެކޮށްފައެވެ.

މިހާލަތުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށަންޖެހޭ ސަބަބުތައް ގިނައެވެ. އެންމެ މުހިންމު އެއް ސަބަބަކީ ބޭރުގެ ބާޒާރުތަކަށް އަންނަ ލޮޅުންތަކުން ދިވެހި އިޤްތިޞާދު ސަލާމަތް ކުރުމާއި، ކާބޯތަކެތި ލިބުމުގައި ހުންނަ ގޮންޖެހުންތަކަށް ހައްލެއް ހޯދުމެވެ. ރާއްޖޭގައި އުފައްދަނަމަ ތަކެތީގެ އަގުހެޔޮވެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ މައްސަލައަށްވެސް މިކަމުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ލިއިކަމެއް ލިބޭނެކަން ސަރުކާރުން ޤަބޫލުކުރެއެވެ.

ނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ސިޔާސަތުގެ ތެރެއިން ބަދަލުތަކެއް އަންނަންޖެހެއެވެ. ޤާނޫނުތަކަށް ހަރުދަނާ ބަދަލުތަކެއް އައުމުގެ އިތުރަށް ޤަވާއިދާއި އުސޫލުގެ ތެރެއިން ހަރުދަނާ ބަދަލުތަކެއް އަންނަންޖެހެއެވެ. ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ އައު ޤާނޫނާއި އެކު، ރަށްތަކުގައި ކުރެވޭ އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއާއެކު ރާއްޖޭގައި އުފައްދާ ބާވައްތައް އިތުރުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހުމަދު ޝިޔާމް ވަނީ، މިކަން ހާސިލް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތައް ނައްތާލަން އިންވެސްޓަރުންނަށް ފަހި ފުރުސަތުތެކެއް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މިއޮތީ ދިވެހިރާއްޖޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމަކީ ވަރަށް މުހިއްމު ސިނާޢަތެއް. ދިވެހިރާއްޖެ އުފެދިފައި އޮތްގޮތާއި ދިވެހިރާއްޖޭގައި ހުރި ގޮންޖެހުންތަކާއެކު އަޅުގަނޑުމެން ބޭނުންވޭ ދިވެހިރާއްޖެއަށް ދަނޑުވެރިކަމުން އުފައްދާ ބާވައްތައް އެތެރެކުރާ އެތެރެކުރުން ވީހާވެސް މަދުކުރެވޭ ގޮތަށް، އަޅުގަނޑުމެން ބޭނުންވޭ ފުޑް ސެކިއުރިޓީއަށް މަސައްކަތް ކުރާއިރު ސަބްސްޓިއުޓް ކުރެވޭނެ މިންވަރަށް ސްކޭލް ކުރަން." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިމަސައްކަތުގެ ތެރެއިން ސަރުކާރުން ރާއްޖޭގެ 10 ރަށަކުން އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ތަރައްޤީ ކުރުމަށް ބިންތައް މިހާރު ހޯދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މިބިންތަކަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބެމުންދާ ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވިއެވެ. މީގެ ތެރެއިން ކ. ކާށިދޫގައި 1 ހެކްޓަރުގެ ބިމެއްގައި ދަނޑުވެރިކަން ކުރުމަށް ބޭރުގެ ފަރާތަކާއި ހަވާލުކުރުމުގެ މަރުހަލާގައި އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ބިންތައް ހަވާލުކުރާއިރު ވަކި ބާވައްތައް ކަނޑައެޅޭ މިންވަރަކަށް ހެއްދުން ފަދަ ކަންކަމަށް ޝަރުތުކުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަސައްކަތުގެ އިތުރުން، ރިސޯޓުތަކަށް ރާއްޖޭގައި އުފައްދާ ބާވައްތަ ފޮނުވުމަށް މަސައްކަތް ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވުމަށް ކުރާ މަސައްކަތް ކާމިބީއާއި ހަމައަށް ވާސިލްވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓުތަކަށް ނަގާ މިންވަރު އިތުރުކުރުމަށް، ރަނގަޅު މިންގަނޑެއްގައި އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރަންޖެހެއެވެ. ސަރުކާރުން ޤަބޫލުކުރަނީ މިހާރު ކުރިއަށްދާ މަސައްކަތަކާއި އަލައް ހަދާ ޤަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.