ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
މީގެ ތެރޭގައި މަގު ހެދުމާއި، ސުކޫލުގެ އައު އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި، ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށުގެ ބަނދަރު އަޕްގުރޭޑް ކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކޮށްދެއްވުމަށްވެސް ނައިބު ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި، އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް އެމަނިކުފާނު ދެއްވިއެވެ.