ޚަބަރު

ޓެކްސް ނެގުން ތަންފީޒުކުރަން މީރާއަށް އިތުރު ބާރުތަކެއް!


  • ޓެކްސް ޤާނޫނަށް ޒަމާނީ ބަދަލުތަކެއްވަނީ ގެނެސްފައި

  • ނިޒާމު ހަރުދަނާވެގެންދާނެ ކަމުގެ އުއްމީދު

ރާއްޖޭގައި ޓެކްސް ނިޒާމު ތަޢާރަފްވެ، ޓެކްސް ނަގަން ފެށިތާ މިހާރު 16 އަހަރު ވެފައިވާއިރު މި ނިޒާމު ހަރުދަނާ ކުރުމަށް އެކި ބަދަލުތަކެއް މިހާތަނަށް ވަނީ ގެނެވިފައެވެ. ޓެކްސް ނެގުމުގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވީނަމަވެސް ނިޒާމީ ގޮތެއްގައި މީރާއަށް ހުރި ގޮންޖެހުންތަކަށް ހައްލެއް އައިސްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށަހެޅީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމަށެވެ. އަދި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާޙުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ މަޤްޞަދެކެވެ.

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ޓެކްސް ނެގުމާބެހޭ އިދާރީ ބިލުގައި އޮތް ގޮތުން ޓެކްސް ނެގުމާއި ކަންކަން ތަންފީޒުކުރުމުގައި މީރާއަށް ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އިދާރީ ގޮތުން މީރާއިން ޤަވާއިދުތަކެއްގެ ތެރެއިން ކުރަމުން އައި ކަންކަމަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނެއެވެ.

މިގޮތުން ޤާނޫނަށް އިތުރުކުރެވުނު އެއް ބަޔަކީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި މެދު ޢަމަލުކުރާނެ ގޮތެވެ. މިގޮތުން އެފަރާތްތަކުން ޓެކްސް ބަޔާން ހުށަނާޅާނަމަ މީރާއަށް ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ ބާރު މީރާއަށް ދެއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މިއަދަދު ބިނާކުރާއިރު، އެކަމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ ފަރާތެއްގެ ފުށުންވެސް ހޯދުމުގެ ބާރު ޤާނޫނުން ވަނީ މީރާއަށް ދީފައެވެ.

ޓެކްސް ދައްކަންޖެހޭ ފަރާތެއް ޓެކްސް ބަޔާން ހުށަނާޅާ ހާލަތެއްގައި ޓެކްސް ދައްކަން ޖެހޭ އަދަދު ކަނޑައެޅުމުގައި ބޭނުން ކުރާނެ މިންގަނޑުތައްވެސް ހިމަނާފައިވެއެވެ. އަދި ޓެކްސް ނުދައްކާނަމަ ނުވަތަ ބަޔާންތައް ހުށަނާޅާނަމަ އަންގަންޖެހޭ އެންގުންތަކާއި، އޮޑިޓް ކުރުމުގައި ބަލާނެ ކަންކަންވެސް ތަފްސީލީ ގޮތެއްގައި ވަނީ ޤާނޫނުގައި ހިމަނާފައެވެ.

މި ޤާނޫނުގެ ތެރެއިން އޮޑިޓް ކުރުމާއި ތަހުޤީޤު ބޭނުމަށް މީރާގެ ބެލުމުގެ ދަށަށް ތަކެތި ގެންދިއުމުގެ އިޙްތިޔާރު ދެއެވެ. އަދި މީރާއަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރިޚު ބަންދު ދުވަހަކާއި ދިމާވެއްޖެ ހާލަތެއްގައި ޢަމަލުކުރާނެ އުސޫލުވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި ހާމަކުރާ ސިއްރު މަޢުލޫމާތުގެ ތެރެއިން ޢާންމުކުރެވޭ ނުވަތަ އެ މަޢުލޫމާތު ޢާންމުކުރުން ޤާނޫނު ހުއްދަކުރާ މަޢުލޫމާތު ފިޔަވައި އެނޫން ކޮންމެ މަޢުލޫމާތެއްގެ ސިއްރުކަން އެ މަޢުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިއީވެސް ޤާނޫނުގެ ތެރެއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭ ރައްކާތެރިކަމެކެވެ.

ޤާނޫނަށް ގެނެވުނު އިސްލާހުތަކުގައި އިދާރީ އަދަބުތައް ކަނޑައަޅާފައިވާއިރު ޤާނޫނުގައި ބަޔާންކޮށްފައިވާކަމަކާއި ޚިލާފުވެއްޖެނަމަ 250،000ރ. ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ޤާނޫނަށް އިތުރުކުރެވުނު އެއް ބަޔަކީ އިންސްޓޯލްމެންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ އިޖުރާޢަތްތަކެވެ. މިހާރު މީރާއިން މިކަން ކުރަމުން އަންނަނީ ޤަވާޢިދުގެ ތެރެއިން ކަމަށްވީނަމަވެސް ޤާނޫނަށް ގެނެވުނު އިސްލާހާއެކު އެކަމަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނެއެވެ.

ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ޓެކްސް ނިޒާމުގެ ތެރެއިން ލިބެންޖެހޭ ފައިދާ ލިބުން ކަށަވަރުކުރެވޭނެ ކަމަށް މަޖިލީހުގައި ޤާނޫނަށް ބަހުސް ކުރި މެންބަރުން ފާހަގަކުރެއެވެ.

މިފަހަރު ޤާނޫނު ފާސްވެގެން އައިއިރު، ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހ،ި ނުލިބިވާ ފައިސާއެއް ޝާރިޢަތް މެދުވެރިކޮށް ހޯދުމުގެ ބާރު މީރާއަށް ލިބިދޭ ގޮތަށް ވަނީ ހިމަނާފައެވެ. މީގެ ކުރިން ބަންޑާރަ ނައިބަށް މި ބާރު ދީފައި އޮންތަނަމަވެސް މިހާރު ބަންޑާރަ ނައިބު އަންގާ ގޮތެއްގެ މަތީން މީރާއަށް ޝަރީޢަތަށް ދިއުމުގެ ފުރުސަތު ލިބެއެވެ. މީގެ ތެރޭގައި ކޯޓުތަކުން ކުރާ ޚުކުމްތަކަށް ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ހިމެނެއެވެ.