"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ގއ.ވިލިނިގިލީގައި ފަށައިފިއެވެ. މިޕްރޮގްރާމު ފެށިގެން ދިޔައީ ވިލިނގިލީ އަތިރިމަތީގައި ކުރިއަށްދިޔަ މޫދު ކަސްރަތު ސެޝަނަކުންނެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް"ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ޤައުމީ ޕްރޮގްރާމެކެވެ.
ގއ.ވިލިނގިލީގައި މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު އަޝްފާން ވިދާޅުވީ ހަށިހެޔޮ ރާއްޖެ ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއްކަމަށެވެ. ޚާއްސަކޮށް ރަށްރަށުގައި ސްޕޯޓްސް ކައުންސެލަރުން ތަމްރީނު ކުރުމަކީ އަތޮޅުތެރޭގެ ރައްޔިތުން ދުޅަހެޔޮ ޞިއްހަތެއްގައި ތިބުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަޝްފާން ވިދާޅުވީ މިއަހަރުގެ ނޮވެންބަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސްޕޯޓްސް ކައުންސިލަރުން ތަމްރީނު ކުރުމަކީ އަމާޒެއްކަމަށެވެ.
"ފުދޭވަރަކަށް ތަރުހީބު ރަނގަޅު. ނަންބަރސްވެސް އަންނަނީ އިތުރުވަމުން. ޚާއްސަކޮށް ފެނުގައި މިއޮންނަ ކުޅިވަރުތައް އިސްރަށްވެހިންނާއި އަންހެން ކަނބަލުން ފޯރީގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލަން. ދެން މީގެ ސަބަބުން މުޖްތަމަޢުގެ ގުޅުން ބަދަހިވެ، ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތް ކުރެވޭ" އަހުމަދު އަޝްފާން ވިދާޅުވިއެވެ.
މިޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޖިސްމާނީ ކަސްރަތުގެ އަސާސްތަކުގެ ސެޝަން ނަންގަވައިދެއްވަނީ ކަސްރަތު ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމަށްވާ އިސްމާޢީލް އަހުމަދެވެ. މިސެޝަންތަކުގެ އަލީގައި ޕްރޮގްރާމުގެ ބައިވެރިންނަށް މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި މޫދުގައި ކަސްރަތު ކުރާނެ ފަންނީ އުކުޅުތަކުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކަސްރަތުކުރުމުގައި އެރަށަކުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންކުރުމަށް ޕްރޮގްރާމުގެ ބައިވެރިނަށް ވަނީ ކިޔާދީފައެވެ. އަދި އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ތަމްރީނުތައްވެސް ވަނީ ކިޔާދީފައެވެ.
މިޕްރޮގްރާމުގެ ދަށުން ނިއުޓްރިޝަން ސެޝަން ނަންގަވައިދެއްވާނީ ގއ.އަތޮޅު ހޮސްޕިޓަލުންނެވެ. މިސެޝަންގެ ތެރެއިން، ކެއުމުގައި މިންހެޔޮ ކާނާ ބޭނުންކުރާނެ ގޮތްތަކާއި، ހަށިގަނޑުގެ ބަރުދަން ލުއިކޮށް އެއްވަރެއްގައި ހިފެހެއްޓުމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށްވަނީ ހަމެޖެހިފައެވެ. މީގެއިތުރުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފަރާތުން ޗައިލްޑް ސޭފްގާޑިންގ އެންޑް ސްޕޯޓްސް އެވެއާރނަސް ސެޝަނެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.
ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކައުންސެލަރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިޕްރޮގްރާމު ހިންގުމުގައި ބަލާނީ އެރަށަކަށް އެންމެ މުހިންމު ޕްރޮގްރާމެއް ހިންގުމަށްކަމަށާއި ޕްރޮގްރާމް ކުރިއަށްގެންދާއިރު ރަށުން ލިބެންހުރި ވަސީލަތްތަކާއި ރަށުގައި އެކަމުން ތަމްރީނު ލިބިފައިވާ ފަރާތްތައް މި ޕްރޮގާރާމުގައި ބޭނުންކުރުމަށް އިސްކަންދެއްވާނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގއ. ވިލިނިގިލީގައި ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 މި 2 ދުވަހުއެވެ. މި ހަރަކާތުގައި ގއ، ގދ ސަރަހައްދުގައި ހިމެނޭ ސްޕޯޓްސް ކައުންސެލަރުންނާއި، ވިލިގިނލީގެ މުއައްސަސާތަކުގެ މީހުން ހިމެނޭގޮތަށް ޖުމްލަ 40 މީހުން ވަނީ ބައިވެރިވެފައެވެ.
ވިލިނގިލީގައި މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ގއ. ވިލިނގިލި ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.