ތަރައްްޤީ

ކުޅުއްދުފުއްޓާއި މާފުށީގެ ނަރުދަމާ ފީ ކުޑަކުރައްވައިފި


ހދ.ކުޅުއްދުފުށި އަދި ކ.މާފުށީގައި އަޅާފައިވާ ނަރުދަމާއަށް ރައްޔިތުންގެ އަތުން ނަންގަވަމުން ގެންދެވި ފީ 30 ރުފިޔާއަށް ކުޑަކުރައްވައިފިއެވެ. 

އެގޮތުން މާދަމާއިން ފެށިގެން އެދެ ރަށުގައި ނަރުދަމާގެ ފީއެއްގެ ގޮތުގައި ނަންގަވާނީ 30 ރުފިޔާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިހާރު އެދެރަށުގައި ނަރުދަމާއަށް ނަންގަވަމުން ގެންދަވަނީ 100 ރުފިޔާގެ ފީ އެކެވެ. މިބަދަލު ގެންނަވާފައި މިވަނީ ރައީސުލްޖުމްހުރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމް، ދާދި ފަހުން ހދ. މަކުނުދޫއަށް ކުރެއްވި ދަތުރުފުޅުގައި ހދ.ކުޅުއްދުފުށީގެ ނަރުދަމާއަށް ނަގަމުން އަންނަ ފީ ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަން އިއުލާންކުރައްވާފައިވަނިކޮށެވެ. 

މިއަދު ފެން ބިލްޑިންގްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޑަޕްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ނަރުދަމާ ބެލެހެއްޓުމަށް ނަގަމުން އައި ފީ ކުޑަކުރުމާގުޅިގެން އެ ކުންފުންޏަށް މަހެއްގެ މައްޗަށް ކޮންމެ ރަށަކުން ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށެވެ.