ޚަބަރު

ވޮރިއަރސުން ކިންގްސް ބަލިކޮށްފި


  • މިމެޗު ވޮރިއަރސް ކާމިޔާބު ކުރީ 111 ޕޮއިންޓް 106 ޕޮއިންޓުން

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު ވޮރިއަރސްއިން ކާމިޔާބު ކޮށްފިއެވެ.

ސެން ފްރެންސިސްކޯގެ ޗޭސް ސެންޓަރގައި ކުޅުނު މިމެޗު ވޮރިއަރސް އިން ކާމިޔާބު ކޮށްފައިވަނީ 111 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ މެދުގައި މާބޮޑު ތަފާތެއް ފެނިގެނެއް ނުދިޔައެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރ ކިންގްސް އިން ނިންމާލީ އެއް ޕޮއިންޓްެ ލީޑެއްގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި ވޮރިއަރސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިންމާލާފައިވަނީ 5 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. އަދި ތިންވަނަ ކުއާޓަރގައި ވޮރިއަރސްއިން އިތުރު ތިން ޕޮއިންޓްގެ ލީޑު ނަގާ ފަހު ކުއާޓަރއަށް ކުރިމަތިލީ 8 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. ފަހު ކުއާޓާރގައި ކިންގްސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެންމެ ރަނގަޅު ގޮތުގައި ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 6 އެސިސްޓް ކުރި ޔަކްސެލް ލެންޑެބޯގްއެވެ. މީގެއިތުރުން ބްރެންޑަން ވިލިއަމްސް 19 ޕޮއިންޓް ހޯދައިދިން އިރު ގުއި ސެންޓޮސްވަނީ 15 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. ކިންގްސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގާ 8 އެސިސްޓް ކުރި ޑާރިއަސް އަކުފް ޖޫނިއަރއެވެ.

މިމުބާރާތުގެ ޕްރީ ސީޒަންގައި ބޮސްޓަން ސެލްޓިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރި މެޗު 144 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސެލްޓިކްސްއެވެ. ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗުގައި ސެލްޓިކްސްއިން ވަނީ ފެށުނީއްސުރެ ނިމެންދެން މެޗު ލީޑު ކޮށްފައެވެ. މިގޮތުން ސެލްޓިކްސް އިން ފުރަތަމަ ހާފް ނިންމާލާފައިވަނީވެސް 21 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. އަދި އެޓީމުން ދެވަނަ ހާފުގައި އެކުޅުން ދަމަހައްޓާ މެޗު ނިންމާލީ 38 ޕޮއިންޓްގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ. މިމެޗުން ސެލްޓިކްސް ބޮޑު ތަފާތަކުން މޮޅުވިއިރު ސެވަންޓީ ސިކްސަރސްގެ މުހިންމު ބައެއް ކުޅުންތެރިން ތަކެއްް ނުކުޅޭކަން ފާހަގަވިއެވެ. މިގޮތުން ޖޮއެލް އެމްބިޑްގެ އިތުރުން ލެބްރޮން ޖޭމްސް އާއި ޖޭލެން ބްރައުން ހިމެނެއެވެ.

މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގާ 7 އެސިސްޓް ކުރި ޕޭޓަން ޕްރިޗާޑްއެވެ. މީގެއިތުރުން ޖޭސަން ޓެޓުމްވަނީ 23 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. މިމެޗުގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 3 އެސިސްޓް ކޮށް 4 ރީބައުންޑް ނަގައިދިން ވީޖޭ އެޖްކޯމްބްއެވެ.

މިމުބާރާތުގެ ޕްރީ ސީޒަންގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 106 ޕޮއިންޓުން ރެޕްޓަރސް ކާމިޔާބު ކުރިއިރު އެޓްލާންޓާ ހޯކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހޯކްސްއެވެ. ވޮޝިންގޓަން ވިޒަޑްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލު ކުރި މެޗު އޯވަރ ޓައިމް ކުޅެ 114 ޕޮއިންޓް 108 ޕޮއިންޓުން ވިޒަޑްސް ކާމިޔާބު ކުރިއިރު މިނެސޯޓާ ޓިމްބަރވުލްވްސް އާއި މައާމީ ހީޓް ބައްދަލުކުރި މެޗު 125 ޕޮއިންޓް 124 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ވުލްވްސް އެވެ. އަދި ފީނިކްސް ސަންސް އާއި ސެންއެންޓޯނިއޯ ސްޕަރސް ބައްދަލުކުރި މެޗު 102 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސަންސް އެވެ.