ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަބޫ އަލް-ޛުހޫރް އަސްކަރީ ވައިގެ ބަނދަރަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން އަސްކަރީ މަސްދަރުތަކާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީން ދިން ތަފާތު 8 ވައިގެ ހަމަލާއެއް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ވައިގެ ބަނދަރުގެ ރަންވޭއަށާއި ގުދަންތަކަށެވެ.
އަސްކަރީ މަސްދަރުތަކުންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން މަޢުލޫމާތު ދިން ގޮތުގައި، މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން ޔަހޫދީނަގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވާއިރު، ސޫރިޔާގެ ދިފާޢީ ވުޒާރާއިންވެސް އަދި މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ތުރުކީވިލާތާ ގުޅޭ ސަރަޙައްދީ ރޮނގުގެ ގާތްގަނޑަކަށް 70 ކިލޯމީޓަރު ދުރުގައި އޮންނަ މި ވައިގެ ބަނދަރަކީ 2013ވަނަ އަހަރުން ފެށިގެން އަސްކަރީ ޙަރަކާތްތަކުގައި ބޭނުންކުރުން ހުއްޓާލާފައިވާ ތަނެކެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގި 14 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި މި ތަނުގެ ކޮންޓްރޯލް އެކި ފަހަރު މަތިން އެކި ފަރާތްތަކަށް ބަދަލުވެފައިވެއެވެ. ނަމަވެސް، 2024ވަނަ އަހަރުގެ ފަހުކޮޅު އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، މި ވައިގެ ބަނދަރު ބޭނުންކުރަމުން ދަނީ ސޫރިޔާގެ އަސްކަރިއްޔާގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައެވެ.
މި ހަމަލާތައް ދީފައި މިވަނީ ޔަހޫދީންނާއި ތުރުކީވިލާތާ ދެމެދު މަސްރަޙު ނުތަނަވަސްވެ، ސޫރިޔާގެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އޮގަސްޓް 6 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ޔަހޫދީ ދައުލަތުން ތަކުރާރުކޮށް ދޭ ހަމަލާތަކަކީ ސޫރިޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، ސޫރިޔާގެ ސަރަޙައްދީ މިނިވަންކަމަށް އިޙްތިރާމްކުރުމަށް ޔަހޫދީ ދައުލަތަށް މަޖުބޫރުކުރަންޖެހޭ ކަމަށެވެ.
މިއާ ޚިލާފަށް، ޔަހޫދީންގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާނަށް އިންޒާރު ދީ، ޔަހޫދީ ދައުލަތަށް ނުރައްކާވާ ފަދަ ގޮތަކަށް ސޫރިޔާގެ އަސްކަރީ ބާރު ވަރުގަދަކުރުމަށް ކުރެވޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ބުނެފައެވެ.
އަސަދުގެ ވެރިކަން ނިމުމަކަށް އައި ފަހުން ފުރަތަމަ ފަހަރަށް ސޫރިޔާއިން ވަނީ މި އޮގަސްޓް މަހުގެ ކުރީކޮޅު ރަޝިޔާއިން އުފައްދާފައިވާ މިގް-21 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބޭނުންކޮށްގެން އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި ވައިގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފައެވެ.
ޔަހޫދީ ދައުލަތުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، ސޫރިޔާއިން އެ ޤައުމުގެ ވައިގެ ސިފައިންގެ ޤާބިލުކަން އަލުން ބިނާކުރުމުގެ މަސައްކަތް އަވަސްކުރަމުންދާ ކަން ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާތަކަށް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި އައު ޕައިލަޓުން ތަމްރީނުކުރުމާއި، ވައިގެ އުދުހުންތައް އިތުރުކުރުން ހިމެނެއެވެ.
ޔަހޫދީ ދައުލަތުގެ ދިފާޢީ މަސްދަރުތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓުތައް އިތުރަށް ބުނެފައިވަނީ، ސޫރިޔާގެ މި ޙަރަކާތްތައް ޔަހޫދީ ދައުލަތުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިކަމާ ގުޅޭ ކަންބޮޑުވުންތައް އެމެރިކާގެ ސަރުކާރާވެސް ޙިއްސާކޮށްފައިވާ ކަމަށެވެ.