ހިމަބިއްސަށް ޕޮޒިޓިވްވާ މިންވަރު ހަފްތާއިން ހަފްތާއަށް ދައްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 226 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ތެރޭގައި ހިމަބިއްސަށް ޕޮޒިޓިވްވި 10 މީހެއް މާލެ ސަރަހައްދުން ވަނީ ފެނިފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ހިމަބިއްސަށް ޕްޒިޓިވްވި 17 މީހުންނާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. މިއާއެކު އަހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް މިވަނީ ފެނިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޯގަސްޓް މަހުގެ ތެރޭގައި ހަފްތާއަކުން ހަފްތާއަކަށް ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ ހަފްތާއަކު 20 މީހުންނަށް ވުރެ ދަށުގައެވެ.
ނަމަވެސް މިދިޔަ މަހު ހުރީ ވުރެ ހަފްތާއަކުން ހަފްތާއަކަށް ބަލާއިރު 20 ވުރެ މަތީގައެވެ. އަދި ޖުލައި މަސް ފެށުނުއިރު ޕޮޒިޓިވްވާ މީހުންގެ އަދަދު ފުރަތަމަ ހަފްތާގައި 50 މައްޗަށް އެރިއެވެ.
ފުރަތަމަ ހަފްތާ - 13 މީހުން
ދެވަނަ ހަފްތާ - 17 މީހުން
ތިންވަނަ ހަފްތާ - 10 މީހުން
ފުރަތަމަ ހަފްތާ - 55 މީހުން
ދެވަނަ ހަފްތާ - 23 މީހުން
ތިންވަނަ ހަފްތާ - 22 މީހުން
ހަތަރުވަނަ ހަފްތާ - 20 މީހުން
އެހެން ކަމުން އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު މިވަނީ މިދިޔަ ޖުލައި މަހާއި އަޅާބަލާއި އޯގަސްޓް މަހު މަޑު ޖެހިލާފައެވެ. ނަމަވެސް މިހާރުވެސް ޕޮޒިޓިވް މީހުން ފެންނަމުން ދިއުމާއެކު މި ބައްޔަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ.
ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަޙައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން ބަލީގެ ފުރަތަމަ ކޭސްއާއެކުވެސް އެޗްޕީއޭއިން ޢަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެހެންކަމުން މޮނީޓަރކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ފެށިއެވެ. އަދި މިހާތަނަށް 15،552 މީހަކަށް މިވަނީ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ ޢަލާމަތްތައް ހުރިނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން ހުމާއި ރޯގާގެ ޢަލާމާތްތަކާއެކު، ގައިގައި ހިމަ ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ ވީހަވެސް އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިއްމުކަމެކެވެ. އަދި އެފަދަ ފަރާތްތަކުން ސިއްޙީ ފަރުވާ ހޯދުމަށްދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ.
މިދުވަސްވަރު ޗުއްޓީއަށްފަހު މާލެއިން އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރުމުގައިވެސް ސަމާލުވުމަކީ މުހިންމުކަމެކެވެ. އެނބުރި ރަށަށް ދިޔުމަށްފަހު ހުމާއި ރޯގާގެއް އެއްވެސް ޢަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަމެކެވެ. އަދި ސްކޫލް ކުދިންވެސް ހުމާއި ރޯގާގެ ޢަލާމާތްތައް ހުރިނަމަ ސްކޫލަށް ނުފޮނުވުމަކީ ރައްކާތެރިކަމަށްޓަކައި މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭކަމެކެވެ.