ސިމްކާޑުތައް ދޫކުރުމުގައި މިހާރު އަމަލުކުރާ ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އާދީއްތަދުވަހު ބޭއްވެވި ވަަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މުހިއްމު ކަންތައްތަކެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށްވެސް ނިންމަވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށްވެސް ވަނީ ވަޒީރުންގެ މަޖިލީހުން ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ނިންމަވާފައެވެ.