ސެނެގާލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ޕެޓްރިކް ވިއޭރާ އައްޔަންކޮށްފިއެވެ.
ސެނެގާލްއަށް އުފަން ވިއޭރާ އެންމެ ފަހުން ހުރީ އިޓަލީގެ ޖެނޯއާގެ ކޯޗުގެ މަގާމުގައެވެ. ނަމަވެސް، ސެރީ އޭ ސީޒަންގެ ކުރީކޮޅު ނަތީޖާތައް ދަށްވުމުގެ ސަބަބުން، މަގާމާ ހަވާލުވިތާ އެގާރަ މަސް ތެރޭގައި މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ އެ މަގާމުން ވަކިވެފައެވެ.
ޖެނޯއާއާ ހަވާލުވުމުގެ ކުރިން ވިއޭރާ ވަނީ އެއް އަހަރު ދުވަހު ފްރާންސްގެ ސްޓްރާސްބާގް އަދި އިނގިރޭސި ކްލަބް ކްރިސްޓަލް ޕެލަސްގެ ކޯޗުކަން ކޮށްފައެވެ. ޕެލަސްގެ ކޯޗުކަމުން އޭނާ ވަކިކުރީ ޕްރިމިއަރ ލީގުގެ ރެލިގޭޝަން ޒޯނަށް ޓީމު ވެއްޓިދާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ވިއޭރާ ވަނީ އާސެނަލް އާއި މެންޗެސްޓަރ ސިޓީއަށް ޖުމްލަ 307 ޕްރިމިއާ ލީގު މެޗު ކުޅެދީފައެވެ. އޭނާ ވަނީ 1997 އާއި 2004 އާ ދެމެދު އާސެނަލްއާއެކު ތިން ފަހަރު ލީގު ތަށި އުފުލާލައި، 1998 ވަނަ އަހަރު ފްރާންސް ޤައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ނިމިގެންދިޔަ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ސެނެގާލް ކެޓުމާ ގުޅިގެން، އެޓީމުގެ ކޯޗު ޕާޕޭ ތިއޯ ވަނީ މަގާމުން ވަކިކޮށްފައެވެ.
ޕާޕޭގެ އިރުޝާދުގެ ދަށުން ސެނެގާލުން 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް ކާމިޔާބުކުރި ނަމަވެސް، އޭގެ 57 ދުވަސް ފަހުން އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ޓީމުގެ އަތުން ޗެމްޕިއަންކަން އަތުލާފައެވެ.
މިދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިންވަނަ ޓީމުގެ ގޮތުގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް، ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 3-2 އިން ބަލިވެ ވަނީ ކަޓާފައެވެ.