ޚަބަރު

އެމްއެމްއޭ ކައިރީގައި ގާއިމްކުރި ޕަމްޕް ސްޓޭޝަން ބޭނުންކުރަން ފަށައިފި


  • ޕަމްޕްތައް ޤާއިމުކުރީ މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން

  • ފެންބޮޑުވުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ

މޯލްޑިވްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން އެމްއެމްއޭ ކައިރީގައި ޤާއިމްކުރި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީގެ ކުރުމުގެ މަޝްރޫއުގެ ދަށުން މަސްވެރިންގެ ޕާކް ހުންނަ ސަރަހައްދާއި އެމްއެމްއޭ ކައިރީގައި ޕަމްޕް ސްޓޭޝަންތައް ގާއިމުކޮށް، އެ ސްޓޭޝަންތައް ޓެސްޓްކޮށް ބޭނުންކުރަން މިހާރު ވަނީ ފަށާފައިކަމަށެވެ.

މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭ ނަމަ، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ބޮޑުވާ ފެން ހިންދުމުގެ މަސައްކަތް މީގެ ކުރިއަށްވުރެ ހަރުދަނާކޮށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. ބޮޑުތަކުރުފާނުމަގުގައި 3 ޕަމްޕު ސްޓޭޝަންއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މި ސްޓޭޝަން ޤާއިމުކުރަނީ ނޯތް ހާބަރު ސަރަހައްދުގައެވެ. މި ޕަމްޕް ސްޓޭޝަން ނިންމުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކޮށް، ހުޅުވި ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ދިވެހި ރުއް ވަނީ އިންދާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭގެ ނޯތު ހާބަރު ނުވަތަ ބާޒާރުމައްޗާ ހަމައަށް މިހާރު ވަނީ ރުއް އިންދާފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފއިވެއެވެ. މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު އާއި އެކު އެ ސަރަހައްދުގެ މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.