މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ ރާއްޖެއަށް ވަނީ 55،834 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،275 ފަތުރުވެރިންނާ އަޅާ ބަލާއިރު %5.6 އިތުރު އަދަދެކެވެ. ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބެން ފަށާފައިވާއިރު، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް %1.7 ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %12 ވަނީ ދަށްވެފައެވެ. އަދި ޖުލައި މަހު %1.9 ވަނީ ދަށްވެފައެވެ. އޮގަސްޓުމަސް ފެށިގެން މިދިޔައީ އުއްމީދީ ނަމްބަރުތަކަކާއެކުއެވެ.
މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 7،879 ފަތުރުވެރިން އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.3 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު، %4.1 ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
* ޗައިނާ: 232,148 ފަތުރުވެރިން
* ރަޝިއާ: 188,543 ފަތުރުވެރިން
* އިނގިރޭސިވިލާތް: 101,391 ފަތުރުވެރިން
އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 939,559 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 287,371 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓެލްތަކުގައި 30,395 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,235 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.