ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެންމެ މުހިންމީ ދިވެހި ޤައުމެވެ. ޤައުމުގެ ކަންކަމުގެ ތެރެއަށް ދިވެހިން ނޫން އެއްވެސް ބަޔަކު ވަނުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިކަން އޮތީ ތަފާތުކޮށެވެ. "ރަހުމަތްތެރި" ކަމަށް ދައުވާ ކޮށްގެން ތިބޭ ޤައުމުތަކުން އެ ޤައުމުތަކުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމުގައިވެސް ނުފޫޒާއި ބާރު ފޯރުވައެވެ. އެ ރަހުމަތްތެރިޔާ އެދޭގޮތަށް ކަންކަން ނުހިނގާނަމަ ހަރުކަށި ފިޔަވަޅުތައްވެސް އެ ޤައުމުތަކާމެދު އަޅަނީއެވެ. ނަމަވެސް ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކުން، މި ޤައުމުގެ ކަންކަމުގައި ގޮތް ނިންމާނީ ދިވެހީން ކަމަށް ހަރުއަޑުން ބައިނަލްއަގުވާމީ މަންސަތަކުގައި ބުނަމުންގެންދާއިރުވެސް ރާއްޖެއާ ޤައުމުތަކާ އޮތް ގުޅުން ދަނީ އިތުރަށް ބަދަހިވަމުންނެވެ.
އެކި ސަރުކާރުތަކުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ތަފާތެވެ. ބައެއް ވެރިކަންތަކުގައި ދިވެހީންގެ ނުގަބޫލުގައި ބައެއް ޤައުމުތަކާ ގުޅުން ބަދަހިކުރިއިރު އަނެއްބައި ވެރިކަންތަކުގައި އަބަދުވެސް ވަކި ޤައުމަކަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތުތައް ގެންގުޅުނެވެ. މީގެ ސަބަބުން އެހެން ޤައުމުތަކުގެ މެދުގައި ރާއްޖެ ސިފަވެފައި އޮންނަނީ ކޮންމެވެސް އެއް ޤައުމަކުން އަބަދުވެސް ނުފޫޒު ފޯރުވާ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. މިއަދުގެ ޚާރިޖީ ސިޔާސަތު ހަމަހަމައެވެ. އެއް ޤައުމަށްވުރެ ގިނަ ޤައުމުތަކާ ގާތްގުޅުމެއް އުފެއްދޭނެކަން މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތުން ފެނިގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އިސްރާއީލު ފިޔަވައި ކޮންމެ ޤައުމަކަށްވެސް ހަމަހަމަ ފުރުސަތު ދީގެން އެ ޤައުމުތަކާ ގުޅުން ބަދަހިކުރައްވާނީ ދިވެހިރާއްޖެއާއި ދިވެހީންނަށް އެންމެ ފައިދާ ހުންނާނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހީންގެ ވިންދާއި އިޙްސާސާ ގުޅޭ ޚާރިޖީ ސިޔާސަތަކީ، ދިވެހީން އެކަމުގައި އުފާފާގަތިކަން ލިބިގަންނާނެ، ހިތްހަމަޖެހުން ލިބޭނެ ޚާރިޖީ ސިޔާސަތު. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުން އޮންނަ، ރާއްޖެއަށް ފައިދާވާނެގޮތުގައި އެހީތެރިކަން ދޭނެ ހުރިހާ ޤައުމުތަކާ އެކީގައި. އެއީ، ކައިރީގައިވާ އަވަށްޓެރިން ކަމުގައިވިޔަސް، ދުރުގައިވާ ފަރާތްތައް ކަމުގައިވިޔަސް، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ކިތަންމެ ބޮޑު ޤައުމެއް ކަމުގައިވިޔަސް، އެ ބަޔަކާ އެކީގައި ގުޅުން ބޭއްވުން. އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން ހަނގުރާމަތަކަކީ، އަނިޔާވެރިކަމަކީ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ، ދިވެހި ރައްޔިތުން ދެކޮޅު ހަނގުރާމައެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެރިކަމަށް 3 އަހަރު ވާންދާއިރު އެމަނިކުފާނު މިވަނީ އެ ޚާރިޖީ ސިޔާސަތާއެކު ޤައުމުތަކުގެ އިހުތިރާމާއި ލޯބި ލިބޭނެކަން ސާބިތުކޮށްދެއްވާފައެވެ. ވެރިކަމުގެ ފުރަތަމަ ކޮޅުގައި އެމަނިކުފާނު މި ސިޔާސަތު ހާމަކުރެއްވުމުން އެއީ އަވަށްޓެރި ޤައުމުތަކާ އޮތް ގުޅުން ހީނަރުވާނެ ވާހަކަފުޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ޤައުމުތަކާވެސް އޮތް ގުޅުމަކަށް އަސަރެއް ނުކުރެއެވެ. ބަދަލުގައި ފެނިގެންދަނީ އެ ޤައުމުތަކުން ރާއްޖެއަށްދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާ މަންޒަރެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކި ދާއިރާތަކުން ދުނިޔޭގެ އެކި ޤައުމުތަކާ ގެންދަވަނީ ގުޅުން ބަދަހިކުރައްވަމުންނެވެ. ދިފާޢީ ދާއިރާ އާއި ޞިއްޙީ ދާއިރާ އާއި ޓެކްނޮލޮޖީ އަދި ދީނީ ގޮތުން ބެލިކަމުގައިވިނަމަވެސް މީގެ ކުރިން ރާއްޖެއާ އެހާ ގާތް ގުޅުމެއް ނެތް ޤައުމުތަކާވެސް ރާއްޖޭގެ ގުޅުން މިހާރު ދަނީ އިތުރަށް ބަދަހިވަމުންނެވެ. އެކަން މިއަހަރު ބޭއްވި މިނިވަންދުވަހުގެ ހަރަކާތްތަކުގައިވެސް ވަނީ ފެނިގެންގޮސްފައެވެ.
"43 ޤައުމަކުން އަދި އދ.ގެ 5 އޭޖެންސީއަކާއެކު، 113 ޑިޕްލޮމޭޓުން މިފަހަރުގެ މިނިވަންދުވަހުގެ ޙަފްލާތަކުގައި އެބަ ބައިވެރިވެވަޑައިގަންނަވާ. މިއީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ބޭރުގެ ފަރާތްތައް ބައިވެރިވާ މިނިވަންދުވަސްކަން ފާހަގަކޮށްލަން. މިއިންވެސް ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ. އަޅުގަނޑުމެންނަށް މި ޚާރިޖީ ސިޔާސަތު ކާމިޔާބުވެގެން މިދަނީ، ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ އެކުވެރި ހުރިހާ ފަރާތްތަކެއް، ހުރިހާ ދައުލަތްތަކާއި ޖަމާޢަތްތަކުން ދެއްވާ އެއްބާރުލެއްވުމާއެކުގައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު އިސްލާމީ ޤައުމުތަކާ އޮތް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. މިއަދު އެ ގުޅުންތައްވެސް ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު އިތުރަށް ހަރުދަނާވެފައިވާކަމީ ހަގީގަތެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށް ސަޢުދީން ފަށާފައިވާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ހިމެނި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. އާބާދީގެ ގޮތުން ރާއްޖެ ކުޑަވެފައި އެހެން ޤައުމުތަކަށްވުރެ ރާއްޖެއަށް ދޭ ޙައްޖު ކޯޓާ މަދުވިނަމަވެސް އެފަދަ މުހިންމު ކަމެއްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާއިންވެސް މި ޤައުމުގެ ސިޔާސަތުތަކަށް އިހުތިރާމްކުރާ މިންވަރު ދައްކުވައިދޭ ކަމެކެވެ.
އެކި ޤައުމުތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުން ދޭހަވަނީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އަމިއްލަ އަޑު އިއްވަން ރާއްޖެއަށް ވަކި ޤައުމަކަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ނުޖެހޭ ކަމެވެ. އަމިއްލަވަންތަކަމުގެ އުސޫލުތަކާއެކުވެސް މުޅި ދުނިޔޭގެ އިހުތިރާމު ލިބޭނެކަމެވެ.