ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކުރި ޕާމް ޕެސްޓް ބައޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރަކީ ޗައިނާ ސަރުކާރާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި މުހިންމު ވަސީލަތެކެވެ. މިމަޝްރޫޢުގެ ދަށުން އެކުލަވައިލެވުނު "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި، އެ ވުޒާރާއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ޤާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މި މައްސަލަ 2000 ވަނަ އަހަރުގެ ކުރީކޮޅު އެވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި ޕެސްޓް ފެތުރުން ހުއްޓުވުމަށާއި ރާއްޖެއިން އެ ނައްތާލުމަށްޓަކައި މިއަދާ ހަމައަށްވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، އެ ވުޒާރާގެ އެދުމުގެ މަތިން އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އާ ގުޅިގެން، މި ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް "އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް" މަޝްރޫޢު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށްޓަކައި ޕެރަސިޓޮއިޑް އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ މަސައްކަތްތަކާ، ޕެސްޓަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޕެސްޓް ކޮންޓްރޯލްކުރުމަށްޓަކައި ކަރަންޓީންގެ މިންގަނޑުތައް ވެސް ދަނީ ތަންފީޒުކުރަމުންނެވެ. ނަމަވެސް، މި ޕެސްޓާއި ހުދުކޫޑި ފަދަ ރުއްތަކަށް ޖެހޭ ބަލިތައް އެދެވޭ މިންވަރަކަށް ކޮންޓްރޯލްކުރުމުގައި މިހާރުވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭތީ، މި ފެށޭ ބޮޑު މަޝްރޫޢުގެ ސަބަބުން މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، ނައްތާލުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަސައްކަތުގެ އިތުރުން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް"ގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދެވި މި ތަމްރީނު ޕްރޮގްރާމުގައި، ތިއަރީ އަދި އަމަލީ މަސައްކަތްތައް ހިމެނިފައިވެއެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތަކެވެ.