އީރާނަށް އަދަބު ދެވޭނެ ތަފާތު އަދި އާދަޔާ ޚިލާފު ގޮތްގޮތް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ބައެއް ސިފައިންގެ ކިބައިން އެދިފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އީރާނާ ގުޅޭ ގޮތުން ޢަމަލުކުރާނެ ގޮތަކާ މެދު ޚިޔާލު ހުށަހެޅުމަށް އެދި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ޖާސޫސީ ގޮފިން ވަނީ އަސްކަރިއްޔާގައި ހިމެނޭ ބައެއް ސިފައިންނަށް ގުރޫޕު އީމެއިލްއެއް ފޮނުވާފައެވެ. އެ ފަދަ ގޮތަކަށް ޚިޔާލު ހުށަހެޅުމަށް އަސްކަރިއްޔާއިން އެދުމުން ދައްކުވައި ދެނީ މަޝްވަރާގެ މޭޒުގެ ދޮށަށް އީރާން އައުމަށް މަޖުބޫރު ކުރެވޭނެ ފަދަ ގޮތަކަށް ބާރު ދެއްކުމަށް އެމެރިކާއަށް ނުކުޅެދި ގޮތް ހުސްވަމުންދާ ކަން ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ލަފާ ކުރެއެވެ.
ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމޮތީ ހޯކިންސް ވިދާޅުވީ އެ އިދާރާއަކީ އަބަދު ވެސް އީޖާދީ ޚިޔާލަށް މަރުޙަބާ ކިޔާ އިދާރާއެއް ކަމަށާއި ހުރިހާ ފަންތިއެއްގެ އޮފިސަރުންގެ ފަރާތުން ވެސް އެ އިދާރާއިން ޚިޔާލު ހޯދާ ކަމަށެވެ. އެއީ އަސްކަރީ ޙަރަކާތްތައް ހިންގުމުގައި އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް މަގުފަހިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސެންޓްކޮމްއިން އެ އީމެއިލް ފޮނުވާފައި ވަނީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުގެ ބާރު ކަނޑުވާލައި މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމަށް އީރާނަށް އައު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމުގެ ކުރިންނެވެ. އެ އިންޒާރު ދެއްވުމަށް ފަހު ޓްރަމްޕް ފަހުން ވަނީ އިންޒާރު އަނބުރާ ގެންދަވާފައެވެ. އެއީ މެދުއިރުމަތީގެ އިސްވެރިން އެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ ގުޅުއްވައި ވާހަކަ ދެއްކެވެމުންނެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޓްރަމްޕްއާ ގުޅުއްވައި، ޙާލަތު ގޯސްވިޔަ ނުދިނުމަށް އެދިވަޑައިގެންފައިވެއެވެ.
އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތައިލުމަށް އެމެރިކާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އީރާނަށް އިތުރު ވައިގެ ޙަމަލާތަކެއް ދީގެން އެ ކަން ހާޞިލް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަކީ ބިމުގެ އަޑީގައި ވަޅުލާފައިވާ މަރުކަޒުތަކަކަށް ވީތީއެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތައިލުމަށް އެމެރިކާއިން ބޭނުން ކުރަން ޖެހޭނީ އެއްގަމު ސިފައިންނެވެ. ނަމަވެސް އެ ހިރާސް ޓްރަމްޕް ނަންގަވާކަށް ބޭނުންވެވަޑައިނުގަންނަވައެވެ. މެދުއިރުމަތީގެ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެފައިވާ ކަމަށް ބެލެވެއެވެ.
އީރާނުގެ މައްސަލައިގައި ޓްރަމްޕްއަށް މި ވަގުތު ޢަމަލުކުރެވޭނެ ގޮތްތަކުގެ ތެރޭގައި މަސްރަހު އިތުރަށް ހޫނުވުމަށް ފުރުޞަތު ދިނުމާއި، ދިގު މުއްދަތަކަށް ހަމަލާ ބަދަލުކުރުމާއި، އިރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް މަސައްކަތްކުރުން ހިމެނެއެވެ.