މި އަހަރު ފަހުކޮޅު އޮންނަ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގައި ވާޗުއަލް އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރަން މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.
މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ސާފް އިން ކަނޑައަޅާފައި ވަނީ ޓެކްނޯ ސްޕޯޓްސް އެވެ. މުބާރާތް ކުރިއަށްދާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026"ގެ ނަމުގައެވެ.
ޓެކްނޯ ސްޕޯޓްސްގެ އިސް ނެގުމުގެ މަތިން މުބާރާތުގައި ވީއޭއާރު ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް އައި އިރު ފީފާއިން މިކަމަށް އަދި ބޭނުންވާ ހުއްދައާއި ލައިސަންސް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ސާފް އިން، އޭއެފްސީ މެދުވެރިކޮށް ފީފާގައި މިކަމަށް އެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ފާއިތުވަމުން މިދާ ޖުލައި މަހަކީ ފީފާއަށް ނުހަނު މަސައްކަތް ބުރަ މަހަކަށް ވުމުން، ސާފް ޗެމްޕިއަންޝިޕުގައި ވީއޭއާރު ބޭނުންކުރުމަށް ދޭން ޖެހޭ ހުއްދަ ދިބުމަށް ބޭނުންވާ ޓެކްނިކަލް ކަންކަމާއި ލައިސެންސިންގެ ކަންކަން ކުރިއަށް ގެންދެވޭނީ މި ފެށޭ އޮގަސްޓު މަހުގެ ތެރޭގައިކަން ފީފާއިން ވަނީ ސާފް އަށް އަންގާފައެވެ.
މީގެއިތުރުން، ސާފް އިން އަންނަނީ މުބާރާތުގައި ވީއޭއާރު ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އާސިއާން ފުޓުބޯޅަ ފެޑެރޭޝަންގެ ކިބައިންވެސް އެދިފައެވެ. އެ ފެޑެރޭޝަނަކީ ވީއާރު ޓެކްނޮލޮޖީގެ ގާބިލްކަމާއި ޓެކްނިކަލް ރެފްރީން ތިބި ފުޓުބޯޅަ ފެޑެރޭޝަނެކެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ސާފް އިން މަަސައްކަތްކުރަމުންދަނީ، ދަނޑުގެ ލައިވްް ފީޑު، ހައިސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް އެހެން ޤައުމެއްގައި ތިބޭ ވީއޭއާރު ޓެކްނިކަލް ޓީމަކަށް ފޯރުކޮށްދީގެން މިކަން ތަންފީޒުކުރުމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިހާތަނަށް އައި އިރު ސާފް ސަރަހައްދުގެ އެއްވެސް ޤައުމެއްގެ އެތެރޭގެ މުބާރާތެއްގައި ވީއޭއާރު ބޭނުން ނުކުރެއެވެ. އަދި އެއްވެސް ޤައުމެއްގައި ކުޅުނު ސަރަހައްދީ މެޗެއްގައިވެސް ވީއޭއާރު ބޭނުންކޮށްފައެއް ނުވެއެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްއިން ހޯސްޓު ކުރާއިރު، އެންމެފަހުން އެ ގައުމުގައި މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއިންނެވެ. އެއީ ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.
ރާއްޖެއިން ވެސް ވަނީ މި މުބާރާތް ދެ ފަހަރަށް ހޯސްޓު ކޮށްފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ މި މުބާރާތް ބޭއްވީ 2008 ވަނަ އަހަރު، ސްރީލަންކާއާ ގުޅިގެންނެވެ. ދެ ގައުމުގައިވެސް އެ ފަހަރު މުބާރާތުގެ މެޗުތައް ކުޅެފައިވެއެވެ. އެފަހުން 2021 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތް ހޯސްޓުކުރީ އެކަންޏެވެ.
އެންމެފަހުން މި މުބާރާތް ބޭއްވީ އިންޑިއާގައެވެ. 2023 ވަނަ އަހަރު ބޭއްވި އެ މުބާރާތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން، ކުވެއިތާއި ލުބުނާން ބައިވެރިވެފައިވެއެވެ. އެފަހަރުގެ މުބާރާތުގައި ސަސްޕެންޝަނަކާ ގުޅިގެން ސްރީލަންކާއަށް ބައިވެރިއެއް ނުވެވުނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ.