ޚަބަރު

ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1ގެ ބާރުގަދަ ބިންހެލުމެއް


ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި މި ބިންހެލުން އަސްފައިމިވަނީ ވެރިރަށް ޓޯކިޔޯއާ ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށްވާއިރު، މި ހާދިސާއާއި ގުޅިގެން ސުނާމީއެއް އުފެދިދާނެތީ ސަމާލުވުމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖަޕާނުގެ ބިންހެލުން މިންކުރާ މިންގަނޑުން ބަލާއިރު، މި ބިންހެލުމުގެ ބާރުމިން ހުރީ އެންމެ މަތީ ދަރަޖަ ކަމަށްވާ 7 ގައެވެ. އެ އިދާރާއިން ބުނާ ގޮތުގައި މި ދަރަޖައިގެ ބިންހެލުމެއް އަންނަ ވަގުތު ކޮޅަށް ހުރުމަކީވެސް ނުކުރެވޭނެ ކަމެކެވެ. ޖަޕާނު ގަޑިން ހަވީރު 4:30 ހާއިރު އައި މި ބާރުގަދަ ބިންހެލުމަށްފަހު، އެ ސަރަހައްދަށް އިތުރު ލޮޅުންތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވި ގޮތުގައި، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި މީހުންނަށް ލިބުނު އަނިޔާތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާގެ ސަބަބުން ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން ޖޭ.އާރް ކިއުޝޫގެ ހުރިހާ ރޭލު ދަތުރުތަކެއް މެދުކަނޑާލާފައިވާއިރު، ކުމަމޯޓޯ އެއާޕޯޓުގެ ރަންވޭ ބަންދުކޮށް، ފްލައިޓްތައް ވަނީ ހުއްޓާލާފައެވެ. އަދި ކުމަމޯޓޯގެ ބައެއް ފިހާރަތަކުން ކަރަންޓު ކެނޑި، މޯބައިލް ފޯނުގެ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.

ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކިހާރާ ކަށަވަރުކޮށްދެއްވިއެވެ.

ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކަށް ބޭނުންވާ ޗިޕް އުފައްދާ ގިނަ ކާރުހާނާތަކެއް ހުންނަ ސަރަހައްދެކެވެ. އެގޮތުން އެޕަލް އަދި އެންވީޑިއާ ފަދަ ކުންފުނިތަކަށް ޗިޕް ފޯރުކޮށްދޭ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޯޕަރޭޝަން (ޓީ.އެމް.އެސް.ސީ)ގެ ކާރުހާނާއެއް ކުމަމޯޓޯގައި ހިންގަމުންދާއިރު، އިތުރު ކާރުހާނާއެއް ބިނާކުރުމުގެ މަސައްކަތްވެސް އެ ސަރަހައްދުގައި ދަނީ ކުރަމުންނެވެ.