ތިމާވެށި

ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް


ފެނުގެ އެކި ވަސީލަތްތަކާއި ގުޅޭގޮތުން ހޭލުންތެރިކުރެއްވުމުގެ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން މިއަދު ފަށްޓަވައިފިއެވެ.

މޫކައި ހޮޓެލްގައި މިއަދު ފެއްޓެވި މިޕްރޮގްރާމަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ގުޅިވަޑައިގެން ކުރިއަށްގެންދަވާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. "ޓްރޭނިންގ އޮފް ޓްރެއިނަރސް އޮން ކޮމިއުނިކޭޝަން އެންޑް އިންޓެގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމެންޓް"ގެ ނަމުގައި ބާއްވަވާ 3 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމް އަމާޒުކުރައްވާފައިވަނީ ކޮލެޖްތަކާއި، ސްކޫލް ދަރިވަރުންނާއި އަދި މީޑިއާއަށެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވާފައިވަނީ ފެނުގެ އެކި ވަސީލަތްތަކާއި ގުޅޭގޮތުންނެވެ.

މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު މުސްޠަފާ ދެއްކެވި ވާހަކައިގައި، ރާއްޖޭގެ ފެނުގެ ޙާލަތު އޮތްގޮތާއި ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުވައިދެއްވުމަށް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިއަދުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ބިމުގެ ފެންފަށަލަ ނުސާފުވުމަށް މަގުފަހިކުރުވާ ސަބަބުތަކާއި، ފެން އިސްރާފުނުކޮށް، އިޤްތިޞާދުކުރުމުގެ މުހިއްމުކަމާއި، ބިމުގެ ފެންފަށަލަ ރައްކާތެރިކުރުމުގެ މުޙިއްމުކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

މިޕްރޮގްރާމްގެ އެންމެފަހު ސެޝަންގައި އއ. ތޮއްޑޫއަށް ޒިޔާރަތްކޮށް ބައިވެރިންނަށް ތޮއްޑޫ ފެން ޕްލާންޓާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ހަމަޖައްސައްވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.