ތަރައްްޤީ

ދިއްދުއާއި ކެނދިކުޅުދޫގެ ކަރަންޓް ނިޒާމް އިތުރަށް ތަރައްޤީކުރުން


ހއ. ދިއްދުއާއި ނ. ކެނދިކުޅުދޫ ކަރަންޓްގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޭބަލްތައް ހޯދަން ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އިލެކްޓްރޯ މެޓަލް ޕްރެސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. 

މިކަމަށްޓަކައި ފެނަކަ ކޯޕަރޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދިއްދޫގައި 2300 މީޓަރުގެ އެލްވީ ކޭބަލް އަޅައި 250 ގޭބިސީއަށް ކަރަންޓް ލުމަށް ބޭނުންވާ ކޭބަލް ލިބިގެންދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މިކަމަށް 4.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިމަސައްކަތަށް ބޮޑު އިސްކަމެއް ދެއްވައިގެން މިކަން ކުރިއަށް ގެންދަވަން ނިންމީ ދިއްދޫގައި ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކޭބަލްތައް ވަޅުލައި ނިންމުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ކުއްލިއަކަށް ކޭބަލް ހޯދަން ބޭނުންވާ ސަބަބަކީ ސަރުކާރުން މިހާރު ދިއްދޫގައި މަގު ހެދުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ތައްޔާރުވާ އިރު، މަގު ހެދުމުގެ ކުރިން މި ނެޓްވޯކްތައް އަޅައި ނިންމަން ބޭނުންވާތީ. އޭގެ ފަހުން ނެޓްވޯކް އަޅަން ބޭނުންވެއްޖެނަމަ ވަރަށް ބޮޑު ޚަރަދަކަށް ވާނެ" ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ ކެނދިކުޅުދޫގައިވެސް އެލްވީ ނެޓްވާކް ކޭބަލް އަލުން އަޅަންޖެހިފައިވާ ކަމަށާއި އެކަމަށް 2.76 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދިއްދޫގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.