ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ


  • ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރު ކުރާނެ

  • ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ

  • ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

އަދި މި 3 ދުވަހުވެސް ވައި ހުންނާނީ، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

ވިއްސާރަ ކުރި ނަމަވެސް، އެއްވެސް ހިސާބަކަށް މޫސުން އެހާ ގޯސް ނުވާނެކަމަށް މެޓުން އޮފީހުން މައުލޫމާތުދެއްވައެވެ. އެހެންނަމަވެސް ކަނޑުދަތުރު ކުރާއިރު ދުރާލާ ތައްޔާރުވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.