ޚަބަރު

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑަށް ޙުސައިން ޢަބްދުލްވާޙިދު


  • މާލީ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ހއ. ތަކަންދޫ، ރަތްވިލާގެ، ޙުސައިން ޢަބްދުލްވާޙިދު އައްޔަނުކޮށްފިއެވެ.

ޙުސައިން ޢަބްދުލްވާޙިދަކީ އެކައުންޓިންގ، އޮޑިޓިންގ އަދި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭނާ މިހާރު ހުންނެވީ، މާލީ ވުޒާރާގެ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓުގެ އެކައުންޓެންޓެއްގެ މަޤާމުގައެވެ. މި މަޤާމުގައި އޭނާ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވަނީ ސަރުކާރުގެ ފައިނޭންޝަލް ރިޕޯޓިންގ، އެކައުންޓް ރިކޮންސިލިއޭޝަން އަދި އޮޑިޓް ކޯޑިނޭޝަންގެ މަސައްކަތްތަކުގައެވެ.

ކުރިން އޭނާ ވަނީ، މާލީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ސްޓޭޓް އިންޓަރނަލް އޮޑިޓުގެ މަޤާމު ފުރުއްވާފައެވެ.

އެ މަޤާމުގައި ހުންނެވިއިރު، ސަރުކާރުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓްތައް ލީޑުކުރައްވައި، މާލީ އަދި ހިންގުމުގެ ދާއިރާގެ ރިވިއުތައް ބަލަހައްޓަވާފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީއާއި، އައިލެންޑް ލައިން ފަދަ ކުންފުނިތަކުގެ އިސް މަޤާމުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ އޮޑިޓަރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ޙުސައިން ޢަބްދުލްވާޙިދަކީ، އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސްގެ މެންބަރެކެވެ. އަދި އޭނާ ވަނީ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.