ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި ބަލައިގަންނަ މިންވަރު މަދުކުރަނީ


  • އަލިފާނުގެ ހާދިސާ ހިނގީ ވެމްކޯގެ ކުނި މެނޭޖްކުރާ ސައިޓުގައި

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ، ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައެވެ. މީގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި، ދުވަހުން ދުވަހަށް ދެމުން އަންނަ ޚިދުމަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ތިލަފުށިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ތިލަފުށީ ސައިޓުގެ އޮޕަރޭޝަން ކުރީގެ ހާލަތަށް އިއާދަކުރުމަށް ވެމްކޯއިން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އަދި އެކުންފުނިން ޚިދުމަތް ދެމުންދާ ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބެލުމަށްފަހު، މި ހާދިސާގެ އަސަރު އާންމުންނަށް އެންމެ ކުޑަކޮށް ކުރާނެ ގޮތްތަކަށް ޚިދުމަތްތައް ދިނުމަށާއި ކުރިން އޮތް ހާލަތަށް ޚިދުމަތްތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

މި މުއްދަތުގައި ދިމާވެދާނެ ދަތިތަކަށް ވެމްކޯއިން ވަނީ، އާންމުންގެ ފަރާތުން މައާފަށް އެދިފައެވެ.