ޚަބަރު

ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް މާލެ ސަރަހައްދު، ދާއިމީ ހައްލު


  • އޮފީސް ގާއިމުކުރުމަށް މާސްޓަރޕްލޭން ތައްޔާރުކޮށް ނިމިފައި

  • އުޅަނދުތަކުގެ އަދަދާއި ޕާކިންގެ މައްސަލަ ހައްލުވާނެ

މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުތަކާއި ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މި ސަރަހައްދަކީ ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ހަދައި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މި މަސައްކަތަށް ޚާއްސަކޮށްގެން "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ނަމުގައި ޚާއްސަ އޮފީހެއް މިމަހުގެ 12ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައެވެ. މި އޮފީސް ގާއިމުކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައެވެ.

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާގެ ދަށަށް ދަތުރުފަތުރުގެ ކަންކަން ބަދަލުކުރިތާ 90 ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް ގާއިމުކުރުމަށް މާސްޓަޕްލޭން ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ މި މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމަށް ކަމަށާއި އެގޮތުން، މި ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ އަދަދާއި ޕާކިންގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ އޮފީހާއެކު މިހާރު ކުރިއަށްދަނީ އެ އޮފޯހަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި އުޅަނދުތަކުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޯންޓްރޯލް ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށާއި އެކަމަށް 11 ދާއިރާއަކުން މަސައްކަތް ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މީގަ ގަވަރނިން ބޯޑެއް އެބައާދޭ. ގަވަރނިން ބޯޑާއެކީގައި މިކަމާ ގުޅޭ އޮފީސްތަކެއް މިއަންނަނީ. ހޯލް އޮފް ގަވަރމަންޓް އެެޕްރޯޗެއް މިއަންނަނީ. މުޅި ސަރުކާރު ގުޅިގެން އަންނަ ހައްލެއް މި އަންނަނީ. އެންމެ މިނިސްޓްރީއަކަށް ކުރެވޭނެ ކަމެއް ނޫން މިހާރު މި މައްސަލަ އުފެދިފައި އޮތްގޮތުން. އެހެންވީމަ އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް، ހޯމްލޭންޑް މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި އޭގެ އިތުރަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ. އެ މިނިސްޓްރީއާއެކު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންވެސް އެބައާދޭ. އަދި މާލެ ސިޓީ ކައުންސިލްވެސް އެބައާދޭ. މި ހުރިހާ ފަރާތްތަކާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން މަސައްކަތް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ މި ސިޔާސަތު ކާމިޔާބު ކުރެއްވުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމުގެ އިތުރުން ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާއި އާންމުން ހޭލުންތެރިކަން ކުރުމުގެ މަސައްކަތްތަކާއި ޓްރެފިކް ފްލޯ ހައްލުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އެގޮތުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލައިސަންސް ބޯޑުތައް ފަސޭހައިން ރީޑްކުރެވޭނެ ވަސީލަތްތައް ގާއިމުކޮށް، މިހާރު ޓްރެފިކް ފްލޯއަށް ބަލައި ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނެެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރެފިކް ފުލުހުންނާ ގުޅިގެން ޓްރެފިކް މެނޭޖްމަންޓް އޮފީހެއް ގާއިމުކުރެވޭނެ ކަމަށާއި ތަފާތު އެކި މޮޑެލްތަކަށް ޕާކުކުރެވޭނެ ޖާގަތައް ތަރައްގީކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުތަކާއި ދަތުރުފަތުރުގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.