ޚަބަރު

ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން


  • ވިޔަފާރީގެ ބޭނުމަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރީ އިންޑިއާއިން

  • 26% ފަތުރުވެރިންނަކީ ވިޔަފާރިވެރިންނާއި މެނޭޖަރުން

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 32 އިންސައްތައަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން ނުވަތަ އަމިއްލަ ވިޔަފާރިވެރިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާންމުކުރި "މޯލްޑިވްސް ވިޒިޓަރ ސާވޭ"އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 32 އިންސައްތައަކީ، އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނެވެ. އަދި 26 އިންސައްތައަކީ، ވިޔަފާރިވެރިންނާއި މެނޭޖަރުންނެވެ. މިއާއެކު ރާއްޖެއަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ 58 އިންސައްތަ މި ދެބައިން ހިއްސާކުރެއެވެ.

ތަފާސްހިސާބުތަަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 8 އިންސައްތަ ފަތުރުވެރިންނަކީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަންނީ މަސައްކަތްތެރިންނާއި ޓެކްނީޝަނުންނެވެ. މީގެ އިތުރުން، ސަރވިސް އަދި ސޭލްސް ދާއިރާގެ މުވައްޒަފުންނާއި، އިދާރީ މުވައްޒަފުން އަދި ރިޓަޔަރ ކޮށްފައިވާ މީހުންގެ ތެރެއިން ކޮންމެ ބަޔަކު 6 އިންސައްތަ ހިއްސާކުރާ ކަމަށްވެސް ސާވޭއިން ދައްކައެވެ.

ވިޒިޓަރ ސާވޭއިން ދައްކާ ގޮތުގައި މިދިޔަ އަހަރު ވިޔަފާރީގެ އެކި ބޭނުންތަކަށް އެންމެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތް ކުރީ އަވަށްޓެރި އިންޑިއާއިންނެވެ. އެއީ އެ ޤައުމުން ރާއްޖެއަށް ޒިޔާރަތް ކުރިި ފަތުރުވެރިންގެ 55 އިންސައްތައެވެ. އަދި 49 އިންސައްތައާއެކު މި ލިސްޓުގެ ދެވަނައިގައި އެމެރިކާ އޮތްއިރު، 41 އިންސައްތައާއެކު ލިސްޓުގެ ތިންވަނައިގައި އޮތީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ 2 ޤައުމު ކަމަށްވާ ޖަރުމަނުވިލާތާއި، ސްޕެއިންއެވެ.

މިއާއެކު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ކޮންމެ 10 މީހުންގެ ތެރެއިން 6 މީހުންނަކީ، އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން ނުވަތަ އަމިއްލަ ވިޔަފާރިވެރިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,180,195 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތް ކުރި 9,638 ފަތުރުވެރިންވެސް ހިމެނެއެވެ.